ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ ޖަޒީރާ ޤައުމު ކަމަށްވާ ވަނުވަޓޫގައި ބާރުގަދަ ބިންހެލުމެއް އައިސް، މަރުވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ. ރިކްޓަރ މިންގަނޑުން 7.4 ގައި ރެކޯޑުކުރެވުނު މި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ޕޯޓް ވިލާ ހިމެނެއެވެ.
ބިންހެލުމާއި ގުޅިގެން ޕޯޓް ވިލާގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓިފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިކަމުގައި އޮސްޓްރޭލިއާއިން ވަނީ ޓީމެއް ފޮނުވާފައި ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ.
ޕޯޓް ވިލާގެ ފުލުހުންގެ ކޮމިޝަނަރު ރޮބްސަން ޔެވްޚޯ އާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ތިން މީހަކާ މުއާސަލާތު ކުރެވެމުންދާއިރު، އިތުރު ދެ މީހުން ވަނީ ސަލާމަތްކުރެވިފައެވެ.
މަރުވެފައިވާ 14 މީހުންގެ ތެރޭގައި ޗައިނާގެ ދެ ރައްޔިތުން ހިމެނޭކަން ޗައިނާގެ ސަފީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ދެ މީހުންނަކީ ވަނުވަޓޫގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރި މީހުންނެވެ.
ބިންހެލުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ވަގުތީ ސިއްހީ މަރުކަޒުތައް ޤާއިމުކޮށް، އަނިޔާވި މީހުންނަށް ސިއްހީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.
ވަނުވަޓޫގައި ހުންނަ ޔުނިސެފްގެ އޮފީހުގެ ވެރިޔާ އިރިކް ދުރްޕެޔާ ވިދާޅުވި ގޮތުގައި، މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ ފެން ތަޣައްޔަރުވުމެވެ. ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާތީ، ބޭރަށް ހިންގުން ފަދަ ބަލިތައް ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަނުވަޓޫގެ އިންތިޤާލީ ބޮޑުވަޒީރު ޝަރްލޯ ސަލްވާއީ ވިދާޅުވި ގޮތުގައި، ބިންހެލުމާއި ގުޅިގެން އެ ޤައުމުގައި ކުއްލި ހާލަތު އިޢުލާނުކޮށް، އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ސަރަހައްދުތަކުގައި ހަތް ދުވަހުގެ މުއްދަތަށް ކަރފިއު ހިންގަން ފަށާފައިވެއެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ އެހީއަށް އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ އިތުރުން އެމެރިކާ އަދި ފަރަންސޭސިވިލާތުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމުތަކާއި އާލާތްތައް ފޮނުވަން ފަށާފައެވެ.