ސީރިޔާގައި 100,000 އަށް ވުރެ ގިނަ މީހުންގެ ހަށިތައް އަޅާފައިވާ މާސިންގާ ކަށްވަޅެއް ފެނިއްޖެ

ޖަވާދު | 1 ދުވަސް ކުރިން - 11:16
ޚުލާސާ

އަސަދުގެ ވެރިކަމާއި ދެކޮޅު ތެދުވި އެތައް ބަޔަކު ވަނީ މަރާލާގައި. ދެލައްކައެއްހާ ސުންނީ މުސްލިމުންވެސް މަރާލާފައިވާ ކަމަށް ބުނެވޭ. އެމީސްމީހުން ވަޅުލާފައިހުރި ފަސް ވަޅުގަނޑެއް މިހާރު ވަނީ ފެނިފަ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއިން މަރާލައިފައިވާ 100,000 އަށް ވުރެ ގިނަ މީހުންގެ ހަށިތައް އަޅާފައި ހުރި މާސިންގާ ކަށްވަޅެއް އެ ޤައުމުގެ ވެރިރަށް ދިމިޝްޤާއި ކައިރި ހިސާބަކުން ފެނިފައިވާ ކަމަށް ސީރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ޖަމްޢިއްޔާއަކުން ބުނެފިއެވެ.

ސީރިއަން އެމަޖެންސީ ޓާސްކްފޯހުގެ އިސްވެރިޔާ މުޢާޛް މުޞްޠަފާ ވިދާޅުވީ ދިމިޝްޤާއި 25 މޭލު ދުރުގައި އޮންނަ އަލް-ޤުޠައިފާ ސަރަޙައްދުން މި ކަށްވަޅު ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަށްވަޅުގައި 100,000 މީހުންގެ ހަށިތައް ވާނެ ކަމަށް ބެލެވޭ ކަމަށާއި، އަދި ލަފާކުރެވޭ ގޮތުގައި މި އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މުޞްޠަފާ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ސީރިޔާއިން މި ފަދަ ފަސް ވަޅުގަނޑެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ސީރިޔާގައި ހުރީ މިފަދަ އެންމެ ފަސް ވަޅުގަނޑު ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ވަޅުގަނޑުތަކުގައި ހުރީ ހަމައެކަނި ސީރިޔާގެ ރައްޔިތުންގެ ހަށިތައް ނޫން ކަމަށާއި، އެމެރިކާ، އިނގިރޭސިވިލާތް އަދި އެހެނިހެން ޤައުމުތަކުގެ މީހުންގެ ހަށިތައް ވެސް ހިމެނޭ ކަމަށެވެ.

2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ އެ ޤައުމުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ހަނގުރާމައިގެ ތެރޭގައި މަރާލައިފައެވެ. ސީރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު އަދި އޭނާގެ ބައްޕާފުޅު ޙާފިޟްގެ ވެރިކަމުގައި ޢަދުލު އިންސާފުގެ ނިޒާމުން ބޭރުން ގިނަ ޢަދަދެއްގެ މީހުން މަރާފައިވާ ކަމަށް ސީރިޔާގެ ރައްޔިތުންނާއި ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކާއި އެހެނިހެން ސަރުކާރުތަކުން ތުހުމަތު ކުރެއެވެ.

މުޞްޠަފާ ވިދާޅުވީ ސީރިޔާގެ ސަރުކާރަށް ނިޞްބަތްވާ ސިފައިން ޢާންމުންނަށް އެކި ކަހަލަ ލާއިންސާނީ އަނިޔާތައް ދީ އެ މީހުން މަރައިލުމަށް ފަހު އެ ހުރިހާ ހަށިތައް އަސްކަރީ ހަސްފަތާލުތަކަށް ގެންދާ ކަމަށެވެ. އޭގެ ފަހުން، ސީރިޔާގެ ވައިގެ ސިފައިންގެ ޖާސޫސީ އިދާރާގެ ބެލުމުގެ ދަށުން އިތުރު ޖަސޫސީ މަރުކަޒުތަކަށް މި ހަށިތައް ގެންގޮސް މާސިންގާ ވަޅުގަނޑުތަކަށް އަޅައިލާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް އަސަދު ވަނީ އޭނާގެ ސަރުކާރުން އިންސާނީ ހައްޤުތަކާއި ޚިލާފަށް ޢަމަލުކޮށްފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އަސަދަށް ފާޑު ކިޔާ މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.

މުޞްޠަފާ ވިދާޅުވީ މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުލުމަށް މާސިންގާ ވަޅުގަނޑުތައް ކޮނުމުގެ މަސައްކަތް ކުރުމަށް މަޖުބޫރު ކޮށްފައިވާ ބައެއް މީހުންނާއި އޭނާގެ ޖަމާޢަތުގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އައު ހަށިތައް އެޅުމަށްޓަކައި އެ ވަޅުގަނޑުން އިތުރު ޖާގަ ހެދުމަށް ވަޅުގަނޑުގައި ހުރި ހަށިތައް ބުލްޑޯޒަރު ބޭނުންކޮށްގެން އަޑިއަށް ކޮއްޕައި ޗަސްކޮށް އޭގެ މައްޗަށް ފަސް އަޅައި އިތުރު ޖާގަ ހަދާކަމަށް އެ މީހުންނާއި ހަވާލާދީ މުޞްޠަފާ ވިދާޅުވިއެވެ.

މުޞްޠަފާ ވަނީ މީހުންގެ ހަށިތައް އަޅާފައިވާ މި ފަދަ ސަރަޙައްދުތައް ބަލަހައްޓާނެ އެއްވެސް މީހެއް އެ ތަންތަނުގައި ނުހުންނަކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ފަދަ ވަޅުގަނޑުތަކާއި ގުޅޭގޮތުން ހިންގަފާނެ ތަހުޤީޤެއްގައި ހެއްކެގެ ގޮތުގައި ބޭނުން ކުރުމަށް އެއްވެސް ބަދަލެއް ނުގެނެސް އެ ސަރަޙައްދު އެ އޮތް ގޮތަށް ޙިމާޔަތް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އަސަދަކީ ޢަލަވީ ފިކުރުގެ މީހެކެވެ. ސުންނީ މުސްލިމުންގެ ދެލައްކައެއްހާ މީހުން ޝަހީދުކޮށްލި ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާގެ ވެރިކަން ޙިމާޔަތްކުރުމަށް ވާގި ހޯދީ އީރާނާއި އީރާނަށް ވާގިވެރިވާ ލުބުނާނު ޖަމާޢަތާއި ރަޝިއާގެ ކިބައިންނެވެ.

އަސަދު ހިންގާފައިވާ މި ޖަރީމާތައް ދުނިޔެއަށް ހާމަކުރަމުންދަނީ އެމެރިކާ އިސްވެ އޮވެއެވެ. މިހާރު ސީރިއާއަށް ވެރިވެގެން އުޅެނީ ވެސް އެމެރިކާ އާއި އިސްރާއީލުގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި އެމެރިކާގެ ޕަޕެޓެކެވެ. ޖޫލާނީ އަކީ ކުރިން އެމެރިކޢާއި އިދިކޮޅު މީހެކެވެ. ނަމަވެސް އެމެރިކާއާއި ޤަތަރުން އޭނާއަށް އެތައް ބިލިއަން ޑޮލަރާއި ހަތިޔާރު ދީގެން އޭނާ ގަނެލީ ކަމަށް ޚަބަރުތައް ބުނެއެވެ.

އެހެންކަމުން މެދުއިރުމަތީގައި އިސްރާއީލުގެ ބާރު އިތުރަށް ގަދަވެ އިސްރާއީލުގެ ބިންތައް އިތުރުވެގެންދާނެ ކަމަށް މުހައްލިލުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%