ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ އަހަރުގެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރިއަލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާއަށް ލިބިއްޖެއެވެ.
ދޯހާގައި ރޭ ބޭއްވުނު 'ފީފާ ބެސްޓް އެވޯޑްސް" ހަފްލާގައި ރިއަލް މެޑްރިޑްގެ ގިނަ ބަޔަކު ބައިވެރިވިއެވެ. މިއީ ދާދި ފަހުން ބޭއްވުނު ބެލޮންޑިއޯ އެވޯޑް ހަފްލާ އެ ކްލަބުން ބޮއިކޮޓް ކުރުމަށްފަހު ބައިވެރިވި ފުރަތަމަ ބޮޑު ހަފްލާއެވެ. ބެލޮންޑިއޯ އެވޯޑް ވިނީޝިއަސްއަށް ލިބިފައިނުވާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
ނިމިދިޔަ ސީޒަނުގައި މެޑްރިޑްއިން ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކުރުމުގައި ވިނީޝިއަސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 24 ލަނޑު ޖަހައި 11 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
އެވޯޑާ ހަވާލުވުމަށްފަހު ވިނީޝިއަސް ބުނެފައިވަނީ ބްރެޒިލްގެ ސައޮ ޕޯލޯގެ މަގުމަތީގައި ހުސް ފަޔާ އޭނާ ފުޓްބޯޅަ ކުޅުނުއިރު މިފަދަ ކާމިޔާބީއެއް ލިބިދާނެކަމަށް އުންމީދު ނުކުރާ ކަމަށެވެ. މިއީ މި މަގާމް އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވިނީޝިއަސްއާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ސްޕޭންގެ ރޮޑްރީއެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންހަމްއެވެ.
އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ރިއާލް މެޑްރިޑްގެ ކާލޯ އެންޗެލޮއްޓީ ހޮވިފައިވާއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ އެމާ ހާޔެސްއަށެވެ. އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވިފައިވަނީ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒްއެވެ. އަދި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ބާސެލޯނާގެ މިޑްފީލްޑަރ އައިޓާނާ ބޮންމާޓީ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައެވެ.
ފީފާ ބެސްޓް އެވޯޑްގައި މަގާމުތަކަށް ކުޅުންތެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ނޫސްވެރިންގެ ވޯޓާއެކު ސަޕޯޓަރުންގެ ވޯޓުވެސް ހިމަނައިގެންނެވެ.