ސައުތު އޭޝިއަން ގޭމްސް އަނެއްކާވެސް ފަސްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 09:05
ސާއިދު - ރާއްޖޭގެ އެންމެ ކުޅަދާނަ އެތުލީޓް
ސާއިދު - ރާއްޖޭގެ އެންމެ ކުޅަދާނަ އެތުލީޓް
ޚުލާސާ

މިދިޔައަހަރު ޕާކިސްތާނުގައި މި މުބާރާތް ބާއްވަން އުޅެފައި އެކި ސަބަބުތަކާހުރެ ލަސްވީ އަންނަ ފެބުރުއަރީއަށް. ނަމަވެސް ބަޖެޓުގައިމއިގުރަށް ފައިސާ ހިމެނިކަމަށް ބުނެ ޚިޔާލު ތަފާތުބެ އެޕްރީލް އަށް ލަސްކުރި. މިހާރު ނިންމީ ނޮވެމްބަރަށް.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އަނެއްކާވެސް ފަސްކުރަން ޖެހި، އަންނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ) އިން ނިންމައިފިއެވެ.

މި މުބާރާތަކީ 2023 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މުބާރާތް ފަސްކުރަން ޖެހުނެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

މުބާރާތް ފަސްކުރަން ޖެހުނު މައިގަނޑު ސަބަބަކީ މުބާރާތް ބޭއްވުމަށް ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާ ދެ މިލިއަން ޑޮލަރުގެ ބަޖެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކެވެ. ޕާކިސްތާން ސަރުކާރުގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) އިން ބުނެފައިވަނީ މި ބަޖެޓުން މުބާރާތުގެ ކަންކަން ފުރިހަމައަށް ނުކުރެވޭނެ ކަމަށެވެ. އަދި ބަޖެޓްގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް އަންގާފައިވެއެވެ.

އީސީސީގެ ބައެއް މެމްބަރުން ވަނީ ބަޖެޓުގައި އިތުރަށް ފައިސާ ހިމަނާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މި ހިސާބުން މުބާރާތުގެ ކަންކަން ހުއްޓިފައި އޮތްއިރު، ފެބްރުއަރީ ކުރީކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް އޭޕްރީލް މަހަށް ފަސްކުރުމަށް ވާހަކަ ދެކެވުނެވެ.

ނަމަވެސް، ޕާކިސްތާން މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ދާދި ފަހުން ޕާކިސްތާންގެ އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމަކަށްފަހު ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު ޕާކިސްތާންގެ ނެޝަނަލް ގޭމްސް ބޭއްވުމަށްފަހު، ނޮވެމްބަރު މަހު ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށެވެ.

ކުރިން ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބާއްވާފައިވަނީ 1989 އަދި 2004 ވަނަ އަހަރުއެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގައެވެ. އޭގެ ކުރިން ބޭއްވުނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%