ޕަންޖާބުގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖުގެ ލައިވް ޝޯތައް ދެން އިންޑިއާގައި ނުބާއްވާނެ ކަމަށް އޭނާ ބުނެފިއެވެ.
.އިންޑިއާގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި މިހާރު ހިމެނޭ ދިލްޖީތު މިކަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ ޗަންދީގަރުގައި އޭނާ ބޭއްވި ޝޯގައި ވާހަކަދައްކަމުންނެވެ.
ދިލްޖީތު ބުނީ، އެގޮތަށް ނިންމަން ޖެހުނީ އިންޑިއާގައި ޝޯ ދޭން ހުރި ތަންތަނުގެ އިންފްރާސްޓްރަކްޗާ ދަށްވުމުން ކަމަށެވެ. އޭނާ ބުނީ މިއުޒިކް ޝޯތައް ބޭއްވުމަށް ރަނގަޅު އިންފްރާސްޓްރަކްޗާއާ އެކު ތަންތަން ނުހަދާ ނަމަ، ދެން އިންޑިއާގައި އޭނާގެ ޝޯތައް ނުބާއްވާނެ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ޝޯ ދޭ ވެނިއުގެ މެދުގައި ސްޓޭޖު އިންނަން، އަދި އެ ސްޓޭޖުގެ ވަށައިގެން އޯޑިއެންސް ތިބެން. އެކަން އެގޮތަށް ނުވަނިސް ދެން އިންޑިއާގައި ޝޯ ނުދޭނަން. ޔަގީން." އޭނާ ބުންޏެވެ.
ދިލްޖީތު އިތުރަށް ބުނީ މި ޝޯތަކުން ބޮޑު އާމްދަނީއެއް ލިބޭއިރު ޝޯ ބާއްވާ ތަންތަނުގެ ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށެވެ. އަދި މި ޝޯތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ވެސް ފަހިވާއިރު، އެ މީހުންނަށް ވެސް ރައްކާތެރި މާޙަޢުލެއް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ދިލްޖީތު އޭނާގެ އިންޑިއަން ޓުއާގެ ފަހު ޝޯ މި މަހު 29 ގައި ބާއްވާނެއެވެ. އޭނާ ވަނީ މި އަހަރު އިންޑިއާގެ ވަރަށް ގިނަ ސިޓީތަކުގައި ޝޯ ދީފައެވެ. އަދި އިންޓަނޭޝަނަލް ސްޓޭޖުތަކުގައި ވެސް އޭނާ ވަނީ މިފަހުން ކާމިޔާބު ޝޯތަކެއް ދީފައެވެ. ޚާއްސަކޮށް، އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި މިދިޔަ އަހަރުގެ ކޮޗޭލާ ފެސްޓިވަލުގައި އޭނާ ދިން ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ލަވަކިޔުމުގެ އިތުރުން ދިލްޖީތަކީ އެކްޓަރެކެވެ. މި އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އޭނާގެ މިއުޒިކަލް ފިލްމު "އަމަރް ސިންގް ޗަމްކީލާ" ވަރަށް މަޝްހޫރުވިއެވެ. އޭއާރު ރަހްމާން މިއުޒިކް ޑައިރެކްޓުކުރި އެ ފިލްމަށް ވަރަށް ގިނަ އެވޯޑުތައް ވެސް ލިބުނެވެ. މީގެ އިތުރުން ބޮލީވުޑްގައި ވެސް އޭނާ ވަނީ މި އަހަރު ވިދާލާފައެވެ. ގިނަ ފިލްމުތަކަކަށް އޭނާ ލަވަ ކިޔާފައިވެއެވެ.