އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިނގުރައިދޫ ކައުންސިލާއި ބައްދަލުކޮށްފި

އަައިޝަތު ޒީނާ | 87 ދުވަސް ކުރިން - 13:20
އިޖުތިމާޢީ ވުޒާރާއިން އިނގުރައިދޫ ކައުންސިލާއި މުއައްސަސާތަކާ ބައްދަލުކުރުން. / ފޮޓޯ: ވުޒާރާ
އިޖުތިމާޢީ ވުޒާރާއިން އިނގުރައިދޫ ކައުންސިލާއި މުއައްސަސާތަކާ ބައްދަލުކުރުން. / ފޮޓޯ: ވުޒާރާ
ޚުލާސާ

ވުޒާރާގެ މި ދަތުރުގައި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދިއުމާއި، އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނި.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ރ. އިނގުރައިދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިނގުރައިދޫއަށް ކުރާ ދަތުރަކީ، ރަށު ކައުންސިލާއި ގުޅިގެން އެ ރަށުގައި 'ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންދިއުމާއެކު، ރަށުގެ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އަދި ވުޒާރާއިން ހިންގާ ބައެއް މުހިންމު ޕްރޮގްރާމްތައް ރަށުގައި ކުރިއަށް ގެންދިއުމަށް ކުރާ ދަތުރެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ދަތުރުގައި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދިއުމާއި، އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. 

އިނގުރައިދޫ ކައުންސިލުން ވަނީ ވުޒާރާގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވުޒާރާގެ މަސައްކަތްތަކަށް ކަމާގުޅުންހުރި އިދާރާތައް އަޙުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިނގުރައިދޫގެ މުއައްސަސާތަކާއި ވެސް ބައްދަލުކޮށް ވުޒާރާގެ މަސައްކަތްތަކާއި، ރަށުގައި "ހާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށްދާނެ ގޮތުގެ ތަފްސީލުތައް ވަނީ ޙިއްސާކޮށްފައެވެ.

‏މި ސެޝަންގައި އިނގުރައިދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން، ފުލުހުންގެ ޚިދުމަތް، ޞިއްޙީ މަރުކަޒު، ސުކޫލު އަދި ފެނަކައިން ބައިވެރިވެފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

އިޖުތިމާޢީ ވުޒާރާއިން ބުނީ އެ ވުޒާރާގެ އަމާޒަކީ އޯގާތެރި މުޖުތަމަޢެއް ބިނާކޮށް، މުއައްސަސާތަކާއި ގުޅިގެން އިޖުތިމާޢީ ރައްކާތެރިކަމުގެ ވިއުގަ ހަރުދަނާކުރުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިޖުތިމާޢީ މަސައްކަތްތައް ހަރުދަނާވެ ރައްޔިތުންނަށް އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުން އަވަސް ވެގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%