މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއެކު އެ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ފެތުރިފައިވާ މަސްތުވާތަކެތީގެ މައްސަލައިން ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިފައިވަނީ ނުރައްކާތެރި ކުށްތައް ނުވަތަ ގޭންގު ކުށްތައްކަން ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ޤައުމު ގެންދިއުމަށް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ޖެހޭ ކަމަށާއި، އެކަމަށްޓަކައި މިހާރަށްވުރެ ރަނގަޅު ނިޒާމެއް ޤާއިމުކުރަންޖެހޭ ކަމަށެވެ. މަޖިލީހުގެ އަންނަ ދައުރުގައި މި ބިލުތައް ފާސްވެ ތަންފީޒުކުރަން ފެށުމުން އެ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޑްރަގާއި ކުށްތަކުގައި އުޅޭ ޒުވާނުން ސަލާމަތްކޮށް، އެއީ މުޖުތަމަޢުއަށް ފައިދާ ހުރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުށްތައް ހިންގުމުގެ ނިޔަތުގައި އެކަމުގައި އުޅޭ މީހުންނަށް އަދަބު ލިބެންޖެހޭ ކަމަށްވެސް ރައީސް ރައީސް ފާހަގަކުރެއްވިއެވެ.