އާބަން ސެންޓަރުތައް ޤާއިމުކުރެވުމުން ގެދޮރުވެރިކަމާއި އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަހިބަދޫގެ ތަރައްޤީގެ މަޝްރޫޢުތައް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށެވެ. މީގެ ތެރޭގައި އާބަން ސެންޓަރުގެ ކޮންސެޕްޓް ފައިނަލްކޮށް، ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. އަދި ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޒުވާނުންގެ މަރުކަޒު ތަރައްޤީކޮށް، ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކުރުމާއި ކުޅިވަރުގެ ދާއިރާއާ ގުޅޭ ކަންކަން އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވިގޮތުގައި، މަހިބަދޫގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުން ބޭނުންވާ ގޮތަށެވެ.