ރާއްޖޭގެ ރަށްތަރައްޤީގެ ކަންކަން ބައްޓަންކުރައްވާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ދާއިރާގެ ރައްޔިތުން އެދިފައިވާ ގޮތަށް މާފަރުފަޅު ތަރައްޤީކުރުމަށް 2025 ވަނަ އަހަރު ތެރޭގައި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެގޮތުން ބިން ހިއްކުމާއި، ދެން ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް، ހަޤީޤީ މާނައިގައި އެ ރަށް އާބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އުތުރާއި ދެކުނުގެ 7 ރަށެއްގައި އާބަން ސެންޓަރުތަކެއް ޤާއިމުކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްވެސް މެއެވެ. ރައީސް ވިދާޅުވީ، އާބަން ސެންޓަރުތައް ޤާއިމުކުރައްވާނީ 7 ސަރަޙައްދުން ނިންމާލާ ގޮތަކަށް ނޫން ކަމަށެވެ. މި ސެންޓަރުތައް ޤާއިމުކުރެވުމުން ގެދޮރުވެރިކަމާއި، އިޤްތިޞާދީ ގޮތުންވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މަހިބަދޫގެ އިތުރުން އާބަން ސެންޓަރު ގާއިމުކުރާ ރަށްތަކަކީ:
ރ. އުނގޫފާރު
ބ. އޭދަފުށި
ޅ. ނައިފަރު
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ލ. ފޮނަދޫ
ރައީސް އިތުރަށް ވިދާޅުވީ، ކުރިންވެސް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް މަހިބަދޫގައި 100 ހައުސިންގ ޔުނިޓު ޤާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.