ދިރާސީ މަސައްކަތްތައް ކުރުމަށް އެއް މިލިޔަން ރުފިޔާގެ ފަންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އިފްތިތާހުކޮށްފި އެވެ.
އެ ފަންޑު އިފްތިތާހުކޮށްފައި ވަނީ އެމްއެމްއޭ އިން ދެ ދުވަހަށް މިހާރު ކުރިއަށް ގެންދާ، އެ އިދާރާގެ ފުރަތަމަ ރިސާޗު ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސް ފެށީ އިއްޔެ އެވެ. މި ކޮންފަރެންސް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފަންޑު އިފްތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީ އެވެ.
އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކޮށްދިނުމެވެ.
ދިރާސީ މަސައްކަތްތައް ކުރުމަށް އެމްއެމްއޭ އިން އިއްޔެ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ. އެއީ ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާ އެކު އެކުލަވާލި އެއްބަސްވުމަކާއި އިގުތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ ޔުނިވާސިޓީއެއް ކަމަށްވާ އިސްލާމް ސެލަންގޫރާއެކު އެކުލަވާލި އެއްބަސްވުމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، މިހާރު ކުރިއަށް ގެންދާ ރިސާޗު ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރާއްޖެއަށް ފަހިވެފައި ހުރި އިގުތިސާދީ އެކި ފުރުސަތުތަކާއި ގުޅޭ ގޮތުންނެވެ. ދެ ދާއިރާއަކުން ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާނެ އެވެ. އަދި ރިސާޗު ވޯކްޝޮޕެއް ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެކި ދާއިރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައް ވެސް މި ކޮންފަރެންސްގައި ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.