އިސްލާމިކް މިނިސްޓްރީން އިމާމުން ތާޒާކޮށް ތަމްރީން ކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން 8 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މިފަހަރުގެ ޕްރޮގްރާމަކީ އުތުރާއި މެދުރާއްޖެތެރޭގެ 7 އަތޮޅެއްގެ އިމާމުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމެކެވެ.
މިނިސްޓްރީން ބުނީ، މި 8 އަތޮޅުން ޖުމްލަ 321 އިމާމުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް މާލެ ސިޓީ ފިޔަވައި ހުރިހާ އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގްރާމް ހިންގައި، ޖުމްލަ 714 އިމާމުން މި ތަމްރީނުގައި ބައިވެރިވެފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެއިތުރުން، މާލެ ސިޓީގެ އިމާމުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް މިއަންނަ ހުކުރު ދުވަހުގެ ރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދުމަށް ވެސް އިޢުލާނު ކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަންވާނެއެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ.