ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަނބިކަނބަލުން، އިނގިރޭސިވިލާތުގެ ނަންދެވިފައިވާ ގާނޫނީ ވަކީލު އާމާލް ކްލޫނީ ވަރިވާން އުޅޭ ކަމަށް ބުނެ ރިޕޯޓުތަކުން ބުނެފިއެވެ. މި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، މި ދެ މީހުންގެ ދެމެދުގައި ސިޔާސީ ގޮތުން ދެބަސްވުންތަކެއް އުފެދި، އަދި އިތުރު މައްސަލަތަކެއް ޖެހިގެން މިހާރު ވަނީ ވަރިފަށަށް އަރާފައެވެ.
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖޯޖްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިދުވަސްވަރު ވަނީ ވަރަށް ގޯސްވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެންމެ ފަހުން ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯޖް ތާއީދުކުރި ކެންޑިޑޭޓު ކަމަށްވާ ކަމަލާ ހޭރިސްގެ ބޮޑު ނާކާމިޔާބީއެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޚާބަށް ކުރިމަތިނުލައި ޒުވާން ކެންޑިޑޭޓަކަށް ފުރުސަތު ދިނުމަށް ގޮވާލައި ޖޯޖް ލިޔުނު އޯ-އެޑްގެ ސަބަބުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
މި ސިޔާސީ ނާކާމިޔާބީތަކުގެ ސަބަބުން ޖޯޖް އާއި އާމާލްގެ ދެމެދުގައި މައްސަލަތައް ޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. އަދި ސިޔާސީ ގޮތުން ނާކާމިޔާބުވުމާ ގުޅިގެން ނިއު ޔޯކުގެ ބްރޯޑްވޭގައި ތަމްސީލު ކުޅެން ދިއުމަށް ޖޯޖް ނިންމުމުން، އާމާލް އެކަމާމެދު ހިތްހަމަނުޖެހިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އާމާލް އަށާއި އެ ދެމަފިރިންގެ ތިބި އެއްމާބަނޑު ދެ ކުދިންނަށް ވަގުތު ނުދީ އެހެން ކަންކަމުގައި ޖޯޖް އުޅޭތީ ކަމަށެވެ.
މިހާރު ޖޯޖް އާއި އާމާލް އަދި އެ ދެމަފިރިންގެ ހަތް އަހަރުގެ ދެ ކުދިން ދިރިއުޅެމުން ދަނީ ޔޫރަޕުގައެވެ. ނަމަވެސް ޖޯޖް ބްރޯޑްވޭއަށް ދިއުމަށްޓަކައި އާއިލާގެ ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރަން ބޭނުންވުމުން، އާމާލް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ މެދުގައި މިހާރު މައްސަލަތައް ޖެހި، އެ ގުޅުން ރޫޅާލަން އުޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ހާމަކުރިއެވެ.
ޖޯޖް އާއި އާމާލް ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ދެމަފިރިން ވަރިވާން އުޅޭ ކަމުގެ ޚަބަރު ފެތުރުމާއެކު، އެ ދެމީހުންގެ ގިނަ ފޭނުން ކަންބޮޑުވުން ފާޅުކޮށްފައެވެ.