35 އަހަރުގެ އަންހެން މީހާގެ މަރާ ގުޅިގެން އިންޑިއާގެ މަޝްހޫރު އެކްޓަރ އައްލޫ އަރުޖުން ހައްޔަރުކޮށްފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ "ޕުޝްޕާ 2" ފިލްމުގެ ސްކްރީނިން އަކަށް ޕްލޭން ނުކޮށް ހާޒިރުވުމާ ގުޅިގެން ހިނގި ޙާދިސާއެއްގައެވެ. އެގޮތުން މި ޙާދިސާ ހިނގީ އައްލޫ އަރުޖުން ތިއޭޓަރަށް އައުމާ ގުޅިގެން އެތަނަށް އެއްވި ގިނަ ބަޔަކު ކޮށްޕައިގަތުމުންނެވެ.
ހައިދަރަބާދުގެ ސަންދިޔާ ތިއޭޓަރުގައި ހިނގި މި ޙާދިސާގައި 35 އަހަރުގެ އަންހެނަކު މަރުވެ، އޭނާގެ 9 އަހަރުގެ ދަރިފުޅަށް ވަނީ އަނިޔާވެފައެވެ.
މި ޙާދިސާއާ ގުޅިގެން ހައިދަރަބާދު ޕޮލިސް ކޮމިޝަނަރު ސީވީ އަނަންދު ވިދާޅުވީ ތިއޭޓަރު ހިންގާ ފަރާތުން އަދި އެކްޓަރުގެ ޓީމުން އެ ތަނަށް އައްލޫ އަރުޖުން އައުމަށް ހަމަޖެހިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް ކުރިން ނުދޭ ކަމަށެވެ. އަދި ތިއޭޓަރަށް ވަދެ ނިކުތުމަށް ވަކި އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްލޫ އަރުޖުން ތިއޭޓަރަށް އައީ ރޭގަނޑު 9:30 ހާއިރުއެވެ. އޭނާ އައި ވާހަކަ އެނގުމާ އެކު ގިނަ ޢަދަދެއްގެ މީހުން ވަނީ އެތަނަށް އެއްވެފައެވެ. އެތަން ހަލަބޮލިވުމާ ގުޅިގެން އޭނާގެ ސެކިއުރިޓީ ޓީމުން މީހުން ފަހަތަށް ޖައްސަން މަސައްކަތް ކުރުމުން ޙާލަތު އިތުރަށް ގޯސްވެގެން ދިޔައީ ކަމަށް ހައިދަރަބާދު ފުލުހުން ބުންޏެވެ.
މި ޙާދިސާއާ ގުޅިގެން އައްލޫ އަރުޖުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
ހައިދަރަބާދު ފުލުހުން އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.