މިސީޒަނުގައި 15 ކްރޫޒް ޝިޕް ރާއްޖެއަށް އަންނާނެ ކަމަށް މާޔާއިން ބުނެފިއެވެ.
ޚުލާސާއަށް ދެއްވި ބަސްދީގަތުމެއްގައި ކްރޫޒް ޝިޕްތަކާއި ސުޕަޔޮޓްތައް ރާއްޖެ އައުމަށް މަގުފަހިކޮށްދޭ ލީޑިން އެސޯސިއޭޝަން ކަމަށްވާ (މާޔާ) އިން ބުނީ މި ސީޒަނުގެ ބާކީ މިއޮތް މުއްދަތުގައި އެ އެސޯސިއޭޝަންގެ މެންބަރުން މެދުވެރިކޮށް ރާއްޖެއަށް ކުރޫޒް ލައިނާތަކުން އެކަނި +30000 ޓޫރިސްޓުން ގެންނާނެ ކަމަށެވެ. ދިވެހިރާއްގެ އަންނަ ސުޕާޔޮޓުތަކާއި ކުރޫޒްލައިނާތަކުގެ %90 އަކީ މާޔާގެ މެންބަރުންގެ އެޖެންޓުކަމުގައި ރާއްޖެ ޒިޔާރަތްކުރާ އުޅަނދުފަހަރެވެ.
މާޔާގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރެއްވި ގޮތުގައި ކްރޫޒް ޝިޕްތައް އަންނަ މިންވަރު އިތުރުވީ ޓޫރިޒަމް މިނިސްޓްރީން ގެނައި އިސްލާހުތަކުގެ ސަބަބުންނެވެ.
މާޔާގެ ރައީސް މުޙައްމަދު ނަޝީދު އާއި ކްރޫޒް ޝިޕްގެ އޭޖެންޓް ޢަބްދުﷲ ޖަލީލް (މ) އަދި އޭނާއާއި ޖެހިގެން މާޔާގެ ސެކްރެޓަރީ މުޙައްމަދު ޢަލީ (ވ)- މާޔާއިން ބުނީ ހުއްޓިފައިވާ ކްރޫޒްލައިނާތައް ރާއްޖެ އަންނަން ފެށީ ޓޫރިޒަމް މިނިސްޓްރީން ޤަވާޢިދު އިޞްލާޙް ކުރުމުގެ ސަބަބުން ކަމަށް.
ކުރިން ގެންގުޅުނު ސިޔާސަތުތަކުގެ އަސަރު
ކުރިން ރާއްޖެއަށް ފުދޭ ވަރަކަށް ކްރޫޒް ޝިޕާއި ސުޕަރ ޔޮޓް އާދެއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ކްރޫޒް ޝިޕްތަކުން އިތުރު %16 ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ނަމުގައި ނަގަން ފެށިއެވެ. އާންމުކޮށް ކްރޫޒް ޓޫރިސްޓުން ކުރާ އެޑްވާންސް ބުކިންތަކަށް މާބޮޑު ބެލުމެއް ނެތި ތައާރަފްކުރެވުނު މި ސިޔާސަތަކީ އޭޖެންޓުންނަށް މާލީ ބުރަތަކެއް ކުރިމަތިވެ އަދި ކްރޫޒް ޝިޕްތަކުގެ އޮޕަރޭޓަރުންނަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހުނު ސިޔާސަތެކެވެ. ނަތީޖާއަކަށްވީ ކްރޫޒް ޝިޕް ތަކުގެ މިސްރާބު އެހެން މަންޒިލްތަކަށް މުޅިންހެން ބަދަލުވުމެވެ. ކޮވިޑް-19 އިގެ ކުރިން އަހަރަކު އެވަރެޖްކޮށް 25 ކްރޫޒް ޝިޕް ރާއްޖެ ޒިޔާރަތްކުރެއެވެ. ކޮވިޑް-19 އަށްފަހު ކުރޫޒްލައިނާތަކުގެ ދަތުރުތައް ފެށުނީވެސް ލަހުންނެވެ. އަދި 2021، 2022 އަދި 2023 މި ތިންއަހަރުގެ ސީޒަނުގައި ރާއްޖެއައީ މުޅިޖުމުލަ 15 ކުރޫޒްލައިނާރ އެވެ. އަދި ކުރޫޒްލައިނާތަކުގެ ދަތުރުތައް ފެށި، އެންމެ މުހިންމުވި ދަޑިވަޅުގައި އޭރުގެ ސަރުކާރުން ގެނައި ސިނާޢަތާއި ނުގުޅޭ ބީރައްޓެހި ސިޔާސަތުން ކުރިއެރުން އެއްކޮށް މަޑުޖެހުނީއެވެ.
"ކުރިން ގެންގުޅުނު ޤަވާޢިދުގެ ސަބަބުން ސިނާޢަތަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު. މި މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އަބުރު ގެއްލި މިޤައުމަށް ވަންނަން ޖެހޭ ޑޮލަރުތައް ނުވަދެ ދިޔައީ. ކްރޫޒް އޮޕަރޭޓަރުން ޙަޤީޤަތުގައި ބޭނުމެއް ނުވި ރާއްޖެ އަންނާކަށް. މުއްދަތެއް ނުދެވި ކުއްލިކުއްލިއަށް ގެނެވޭ މިކަހަކަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ބޭރުގެ އެޖެންޓުންގެ މެދުގައި ރާއްޖޭގެ އިތުބާރު ގެއްލެނީ. ރާއްޖެ ކަހަލަ ބީޗްތައް ހުންނަ ތަންތަން އެބަހުރި މިތާނގެ ކައިރީގައިވެސް. އެތަންތަނަކުން އެ ޓެކްސްތަކެއް ނުނަގާ.” ކުރީގެ ސިޔާސތުގެ ސަބަބުން ރާއްޖެއަށް ކްރޫޒް ޝިޕްތައް އައުން މުޅިން ހުއްޓިގެންދިޔަ ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.
މި ސަރުކާރުގެ އެއްބާރުލުން
ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި އަދި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމާއި ދެމެދު މާޔާ އިން ވަނީ ޑރ. މުޢިއްޒުއާއި ބައްދަލުކުރައްވައި ކްރޫޒް ޝިޕްތައް ރާއްޖެ ގެނައުމުގައި ހުރި ގޮންޖެހުންތައް ނައްތައިލުމަށް މަޝްވަރާ ކުރައްވާފައެވެ.
"މިކަމުގައި އެމަނިކުފާނު (ރައީސް ޑރ. މުޢިއްޒު) ވަރަށް ޕޮޒިޓިވް އިނގޭތޯ.. ވަޢުދުވެވަޑައިގެންނެވި، ޔަޤީނޭ ޙައްލު ހޯދައިދޭނަމޭ ވިދާޅުވީ… މިހާރު މިއޮތީ އެޙައްލު ގެނެސްދެއްވާފަ. ވަރަށް ގޮންޖެހުންތަކާއި ދިމާވި މިކަމުގައި ޓެކްސް ކޮންޕޯނަންޓެއް އިނުމުން. ހަގީގަތުގައި ލިޔެކިޔުމުން ޓެކްސްގެ ގޮތުގައި ބޮޑު ޢަދަދެއް ފެނުނުނަމަވެސް އުޅަނދުތައް ނައުމުން ލިބުނު ޢާމްދަނީ ދިޔައީ ދަށަށް ... އަޅުގަޑުމެންގެ މިނިސްޓަރު ފައިސަލް އެ ގޮންޖެހުންތައް ހައްލުކޮއްދެއްވެވީ އެމިނިސްޓްރީގެ ހީވާގި މުވައްޒަފުންގެވެސް ވަރަށް ބުރަމަސައްކަތުން. އަދި މުޅި ޓުއަރިޒަމް ސިނާޢަތުގައި ރިޒަލްޓްސް އެބަ ނެރެދެއްވާ. އަޅުގަނޑު ޚާއްޞަކޮށް ފާހަގަ ކޮށްލަން ބޭނުން ކަމެއް އެއީ މިހާރުގެ ޓޫރިޒަމް މިނިސްޓަރ ވަރަށް އެނަރޖެޓިކް އަދި ޕްރޯއެކްޓިވްވެސްމެ." މި ސަރަޙައްދުގެ ލީޑިންގ އެސޯސިއޭޝަން (މާޔާ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ
މާޔާ އާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު މަޝްވަރާ ކުރެވި ސެޕްޓެމްބަރު 2024 ގައި ޤަވާޢިދަށް ގެނައި އިޞްލާޙުތަކުގެ ސަބަބުން ކްރޫޒް ޝިޕްތަކުން ރާއްޖޭންބޭރުގައި ވިއްކާފައި ހުންނަ ރޫމްތަކުން ޓީޖީއެސްޓީ ޗާޖު އުވާލައި، ފަސިންޖަރުންގެ ފީ ތައާރަފްކޮށް، ދައުލަތަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
"ޤަވާޢިދަށް ގެނައި މި ބަދަލުގެ ސަބަބުން ކުރިން ރާއްޖެއަށް ނުލިބޭ ޢާމްދަނީތަކެއް މިހާރު އެބަ ލިބޭ. މިހާރު އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ދައުލަތަށް ކުރިން ނުނެގޭ ފީއެއް ނެގި އިތުރު އާމްދަނީއެއް އެބަ ލިބޭ." ނަޝީދު ވިދާޅުވިއެވެ.
މިބަދަލާއެކު ކުރިން ރާއްޖެ އައުމަށް ދެކޮޅު ހެދި ކްރޫޒް ޝިޕްތަކާއި ސުޕަޔޮޓްތައް ވެސް މިހާރު ރާއްޖެއަށް އަންނަމުންދާ ކަމަށާއި ސިނާއަތް އާލާވަމުން އަންނަ ކަން ފާހަގަ ކުރެއްވިއެވެ.
އިޤްތިޞާދީ ފައިދާ
ސަރުކާރުން ޤަވަޢިދު އިޞްލާޙް ކުރެއްވުމުގެ ސަބަބުން ހުއްޓިފައިވާ ކްރޫޒް ޝިޕްތައް އެނބުރި އަންނަން ފަށައި އިޤްތިޞާދަށް އޭގެ ފައިދާ ފެންނަން ފަށައިފިއެވެ. މާޔާގެ އެއް ފައުންޑަމެމްބަރެއް ކަމުގައިވާ އަލަޔަސްމެނޭޖްމެންޓްއިން ވަނީ އެންމެ ފަހުން އައި ކްރޫޒް ޝިޕް އިން 2،100 އަށް ވުރެ ގިނަ ފަތުރުވެރިން ގެނެސް، އެންމެ ދެ ދުވަހުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކަށް އެކިއެކިފީތަކާއި ހުއްދަތަކާއި ޓެކްސްގެ ގޮތުގައި ގާތްގަނޑަކަށް 60،000 ޑޮލަރު ހޯދައިދީފައެވެ.
"މީގެ އިތުރުން މި ފަތުރުވެރިން ކްރޮސްރޯޑް، ހުޅުމާލެ، ވިލިނގިލި އަދި މާފުށި ފަދަ ރަށްތަކަށް ޒިޔާރަތްކުރި. އެ ތަންތަނުގެ އެކްޓިވިޓީސްތަކުގައި ބައިވެރިވި. ފިހާރަތަކާއި، ރެސްޓޯރެންޓްތަކަށް ފައިސާ ޚަރަދުކުރި. މިއީ ލޯކަލް ވިޔަފާރިތަކަށް ވާނެ އިތުރު ފައިދާތަކެއް. އޭގެއިން ވެސް މީރާއަށް ފައިސާ ވަންނާނެ. މުޅި އިގްތިސާދަށް އޭގެ ފައިދާ ކުރާނެ، " މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކްރޫޒް ޝިޕްތަކުން ފަސިންޖަރުނަށް އެކްކާޝަންސްތައް ހަދައިދިނުމުގައިވެސް ފަސޭހަތަކާއި ދޯނިފަހަރު ބޭނުންކުރާއިރު ކޮންމެ ދުވަހަކަށް އެ ދޯނިތަކަށް ރަނގަޅު އާމްދަނީއެއްލިބި އަދި ފާލަން ބޭނުކުރުމުގައާއި ކައުންސިލްތަކަށް އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި މިއީ މިސިނާތާގުޅޭ އެއްވެސް ބިނާއެއް ގާއިމުނުކުރެވި ވާހާލުގައެވެ. ނަމަވެސް މިކަމާއި ގުޅޭ އިންފްރާސްޓްރަކްޗާތައް ގާއިމުކުރެވޭހިސާބުން މިހާރައްވުރެ ބޮޑު އާމްދަނީ ލިބޭނޭ ގޮތްތައް ފަހިވާނޭކަމަށް މާޔާއިން ގަބޫލްކުރެއެވެ.
މިސްރާބު ރަނގަޅު
ކުރިއަށް އޮތް 2025-2026 ސީޒަނުގައި މިއަށްވުރެ ގިނަ ކްރޫޒް ޝިޕް ރާއްޖެ އަންނާނެ ކަމަށާއި ސިނާޢަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް މާޔާއިން ބުންޏެވެ. މިކަމުގެ ސިއްރަކީ ސިނާއަތުގައި އުޅުއްވާ ފަރާތްތަކާއި ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު އޮންނަ އެއްބާރުލުން ކަމަށް ފާހަގަކުރެއްވިއެވެ.
“މި އިސްލާހުތައް ނުގެނައިނަމަ ރާއްޖޭގެ ކްރޫޒް އިންޑަސްޓްރީ އާއި ސުޕަޔޮޓުފަހަރު އައުން ނިމުމަކާއި ހިސާބަށް ގޮސް އަލުން ބިނާކުރުން ވަރަށް ވެސް ދަތި އުނދަގޫ ހިސާބަށް ދިޔައީސް،” ނަޝީދު ވިދާޅުވި އެވެ.