އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުން އުފައްދައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 22:52
ޖަޕާނުން އުފައްދި އިންސާނުން ދޮންނަ މެޝިން.
ޖަޕާނުން އުފައްދި އިންސާނުން ދޮންނަ މެޝިން.
ޚުލާސާ

"މިރާއީ ނިންޖެން ސެންޓަކޫކީ" ގެ ނަމުގައި އުފައްދާފައިވާ މި މެޝިން ފުރަތަމަ ފަހަރަށް ދައްކާލަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭ "އޮސާކާ ކަންސާއީ އެކްސްޕޯ" ގައި.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ސައިންސް ކޯއިން އިންސާނުން ދޮންނަ މެޝިނެއް އުފައްދައިފިއެވެ.

"މިރާއީ ނިންޖެން ސެންޓަކޫކީ" ގެ ނަމުގައި އުފައްދާފައިވާ މި މެޝިން ފުރަތަމަ ފަހަރަށް ދައްކާލަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށޭ "އޮސާކާ ކަންސާއީ އެކްސްޕޯ" ގައެވެ.

މި އެކްސްޕޯގައި 1،000 މީހަކަށް މި މެޝިނުގައި ފެންވަރާލުމުގެ ތަޖުރިބާ ކުރުމުގެ ފުރުޞަތު ދޭން ވެސް ހަމަޖެހިފައިވާ ކަމަށް ސައިންސް ކޯއިން މަޢުލޫމާތު ދީފައިވެއެވެ.

ސައިންސް ކޯއިން ބުނެފައިވާ ގޮތުގައި މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މެޝިނެކެވެ. މި މެޝިނުގައި މީހަކު ދޮވެ ހިއްކާލަން ނަގާނީ 15 މިނެޓު ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މެޝިން ތައްޔާރުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަމަށާއި، މީހާގެ ބައޮލޮޖިކަލް މަޢުލޫމާތު އެއްކޮށް، އެއަށް ބިނާކޮށް ހަށިގަނޑުގެ ފިނިހޫނުމިނާ އެކަށީގެންވާ ގޮތަށް މެޝިނުގެ ފެނުގެ ފިނިހޫނުމިން ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މެޝިނުގެ ތެރެއަށް މީހަކު ވަނުމުން، ފެނުގެ ތެރޭގައި އުފެދޭ ހިތްގައިމު މައިކްރޯ ސައިބޯނި ބޮކިތަކެއް ފެތުރި، އެ އެއްޗިއްސަށް އަންނަ ޕްރެޝަރާ އެކު މުޅި ހަށިގަނޑުގެ ބޭރުގައި ހުންނަ ހުރިހާ ހަޑިއެއް ފިލުވައި މީހާ ދޮވެލާނެ ކަމަށް ސައިންސް ކޯއިން ފާހަގަކުރިއެވެ. ޕޮޑެއްގެ ބައްޓަމަށް ހަދާފައިވާ މި މެޝިނުގެ ޚާއްޞަ އެއް ސިފައަކީ ހަށިގަނޑު ދޮވެލުމުގެ އިތުރުން އޭގެ އޭއައިގެ އެހީގައި މީހާގެ ސިކުނޑި ވެސް "ދޮވެލައި" ދިނުމެވެ.

އިންސާނުން "ދޮންނަ" މި މެޝިނުގެ ވާހަކަ މީޑިއާތަކުގައި ދެކެވި، ވަރަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ. ނަމަވެސް މި މެޝިން އާންމުކޮށް ބާޒާރަށް ނެރޭނެ ތާރީޚަކާއި އަގާ ބެހޭ އެއްވެސް މަޢުލޫމާތެއް ސައިންސް ކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%