މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މާޓާޓޯ) އިން، އެ ޖަމްޢިއްޔާގެ އަހަރީ އާޓް މުބާރާތާއި މައުރަޒު، "ފްރޭމް ބައި މާޓާޓޯ" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރު ފާހަގަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މުއްސަނދި ޘަޤާފަތާއި ފަންނުވެރިން ބޭނުންކޮށްގެން ދައްކާލުމަށް ޚާއްޞަކޮށްގެން ބާއްވާ ހަރަކާތެކެވެ.
2025 ވަނަ އަހަރުގެ އެޑިޝަންގެ މަޢުޟޫއަކީ "ދަ މޯލްޑިވިއަން މިސްޓިކް" އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ 10 ޑިސެމްބަރު 2024 އިން 20 ޖަނަވަރީ 2025 އަށެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރައެއްގެ ފަންނުވެރިންނަށް ބައިވެރިވެވޭނެކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ހުށަހެޅޭ ފަންނުވެރިންގެ މަސައްކަތްތަކަށް ފަނޑިޔާރުކަން ކުރާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ހިމެނޭ ޕެނަލައަކުންކަމަށާއި، މި ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރައަކުން 10 މަސައްކަތެއް ޝޯޓްލިސްޓްކޮށް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ނެޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޓާޓޯގެ އާޓް މައުރަޒުގައި ބައިވެރިކުރެވޭނެ ކަމަށްވެސް މޓާޓޯއިން ބުންޏެވެ. މާޓާޓޯގެ އާޓް މުބާރާތާއި މައުރަޒު ބާއްވަނީ ފަތުރުވެރިކަމާއިބެހޭ ވުޒާރާ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)، އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް)ގެ އެއްބާރުލުމާއި އެކުގައެވެ.
މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު އަދި މަސައްކަތްތައް ހުށަހަޅާނެގޮތުގެ މަޢުލޫމާތު ފްރޭމް ބައި މަޓާޓޯގެ ވެބްސައިޓް (www.framebymatato.com) އިން ލިބޭނެކަމަށް މަޓާޓޯއިން ހާމަކުރިއެވެ.