ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރު ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި ނަމަވެސް، މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. މި މައްސަލައިގައި ސަރުކާރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، 1.88 މިލިއަން ޑޮލަރާއި އެހެނިހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ބަންޑާރަ ނައިބުގެ އޮފީހުން ކޮމިޓީއަށް އަންގާފައިވެއެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި، ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ލަފާ ދެއްވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ކުރިން 11 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ހެކި ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
މާލިއްޔަތު ކޮމިޓީން މިހާރު ވަނީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގައި، މަކަރާއި ހީލަތުގެ ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ. މި މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ ލިބުމަކީ ނާދިރު ކަމެއްކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމު ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.