އަންނަ ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއާއި އެކު ސަރުކާރުން އިއްޔެ މަޝްވަރާތައް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަންނަ އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެސްޓީއޯގެ ޓީމާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މަޝްވަރާކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް އަސާސީ ކަންކަމަށް ބޭނުންވާ މުދާ މެދުނުކެނޑި ލިބެން ހުންނާނެކަން ކަށަވަރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
ރޯދަ މަހު ތަކެތީގެ އަގު ކޮންޓްރޯލްކުރުމުގެ މަސައްކަތް ސަރުކާރުން ފެށިއިރު، އަންނަ ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހިލޭ ދިނުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރުގެ ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ނިންމާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވައިފަ އެވެ.