2,000 އަށް ވުރެ ޓޫރިސްޓުންނާ އެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެ

އަހްމަދު އީޒާން | 10 ދުވަސް ކުރިން - 15:51
ރާއްޖެ އައި އިޓަލީގެ ކްރޫޒްލައިނާ. / ފޮޓޯ: އެމްއެމްޕީއާރުސީ
ރާއްޖެ އައި އިޓަލީގެ ކްރޫޒްލައިނާ. / ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

ރާއްޖެ އައިސްފައި ވަނީ ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ޓޫރިސްޓުންނަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ އޭއައިޑީއޭ ނަމަކަށް ކިޔާ ކްރޫޒްލައިނާއެއް.

އިޓަލީގެ ކްރޫޒްލައިނާއެއް 2،000 އަށް ވުރެ ގިނަ ޓޫރިސްޓުންނާއެކު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެ އައިސްފައި ވަނީ ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ޓޫރިސްޓުންނަށް ޚާއްސަކޮށްގެން އޮޕަރޭޓްކުރާ އޭއައިޑީއޭ ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ. އެ ބޯޓު މީގެ ކުރިން ވެސް ރާއްޖެ އައިސްފައިވެއެވެ.

އެ ބޯޓު ރާއްޖެއަށް އައިސްފައި ވަނީ އޮމާންގެ މަސްކަޓުން ފުރައިގެން މިމަހުގެ 8 ވަނަ ދުވަހުއެވެ.

އެ ބޯޓު މި ވަގުތު އޮތީ މާލެ ބޭރުގައެވެ. އެ ބޯޓު ރާއްޖެއިން ފުރާނީ މިއަދު އިރުއޮއްސޭހާއިރެވެ.

އެމްއެމްޕީއާރުސީގެ ވެބްސައިޓުގައި ބުނީ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ 2،139 ޓޫރިސްޓުނާ އެކުގައި ކަމަށެވެ.

މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ އެދުމުގެ މަތިން ރެގިއުލޭޓަރީ ބަދަލުތައް ގެނައުމަށް ފަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒުލައިނާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި، އޭއައިޑީއޭގެ މި ޒިޔާރަތާ އެކު، ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ކުރިއެރުމެއް ލިބޭނެއެެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓުތަކާއި ސުވެނިއާ ފިހާރަތަކާއި ދޯނިތަކާއި ގެސްޓް ހައުސްތަކާއި ރީޓެއިލް އައުޓްލެޓްތަކަށް ވިޔަފާރި ރަނގަޅުވާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އޭއައިޑީއޭގެ މި ޒިޔާރަތާ އެކު، މި ސަރަޙައްދުގެ އެންމެ މަތީ ސަފުގައި ހިމަނާލެވޭ ކްރޫޒް މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ޓޫރިޒަމްގެ ދާއިރާގެ ދުވެލި ނުހުއްޓި ކުރިއަރައިގެން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%