އިންތިޚާބުތަކާ ދިމާކޮށް ކުށްވެރިން ޖަލުން ނެރެ މަގުމައްޗަށް ދޫކޮށްނުލާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 100 ދުވަސް ކުރިން - 14:43
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމުގައި ނުރައްކާތެރި ކުށްވެރިން މުޖުތަމަޢަށް ދޫކޮށްފައިވާ ކަމަށް. ނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ ގޮތަކަށް ޢަމަލުނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި.

އިންތިޚާބުތަކާ ދިމާކޮށް ކުށްވެރިން ޖަލުން ނެރެ މަގުމައްޗަށް ދޫކޮށްނުލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިފަދައިން ރައީސް ވިދާޅުވީ އއ. ތޮއްޑޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމުގައި ނުރައްކާތެރި ކުށްވެރިން މުޖުތަމަޢަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެފަދަ ގޮތަކަށް ޢަމަލުނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންތިޚާބުތަކާ ދިމާކޮށް ދޫކޮށްލެވުނު ޤައިދީންގެ ތަފާސްހިސާބު ހާމަކުރެއްވިއެވެ. އެގޮތުން އެ ވެރިކަމުގައި ދޫކޮށްފައިވާ ޤައިދީންގެ ޢަދަދަކީ:

- 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް 429 ޤައިދީން.

- 2022 ވަނަ އަހަރު 2576 ޤައިދީން.

- 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 458 ޤައިދީން.

- 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބާ ދިމާކޮށް 762 ޤައިދީން.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކްލެމެންސީގެ ތެރެއިންނާއި ޤާނޫނުން ލިބިދޭ ފުރުޞަތުގެ ދަށުން، އަދި ރައީސްއަށް ލިބިދޭ އަދަބު ލުއިކޮށްދިނުމުގެ ބާރުގެ ދަށުން ފާއިތުވި އެއް އަހަރު ތެރޭގައި ޤައިދީން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މިއީ ސިޔާސީ ވިސްނުމަކުން ކުރައްވާފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންތިޚާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ބަޔަކު މަގުމައްޗަށް ދުލެއް ނުކޮށްލާނަން. ޖުމްލަ 86 މީހުން ދޫކުރީ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ ޢަދަދެއްގެ ނުރައްކާތެރި ކުށްވެރިންނަށް މާފުދީ މިނިވަންކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހުންނާއި، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ސާބިތުވެފައިވާ މީހުންނާއި، މާރާމާރީ އަދި މަރުގެ މައްސަލަތަކުގައި ހުކުމްކޮށްފައި ތިބި މީހުން ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%