ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ތޮއްޑޫ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި އާބާދީއެއް އޮތް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއަކީ އެރަށުގެ ރައްޔިތުން، ރަށުގައި ޤާއިމުވެ ތިބެގެން ވަރަށް މުރާލިކަމާއެކީގައި މަސައްކަތް ކުރަމުންދާ، ފުޅާކުރަމުންދާ ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމަކީ ތޮއްޑޫގައި އެންމެ ދުވަސްވީ އެންމެ މުހިންމު ދާއިރާތައް ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އެ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން އިސްކަންދެއްވައި، މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން، ކައުންސިލްގެ ފަރާތުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އޮތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެފަދަ ކުންފުންޏެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި އޭރު ސަރުކާރުގެ ފަރާތުން ދިމާވި ގޮންޖެހުންތައް ހިއްސާކުރައްވައި، އެފަދަ ކުންފުނިތަކުގެ ކުރިއެރުމަށް މި ސަރުކާރުން ހުރަސްނާޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ހަމަޖައްސައިދިނުންކަމުގައި ވިޔަސް، ނުވަތަ އެހެނިހެން މަގުތަކުން މަގުފަހިކޮށްދިނުން ކަމުގައި ވިޔަސް، އެ ކުންފުންޏަށް ކަންކަން މަގުފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރާ މަސައްކަތުގައިވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.