ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އެގައުމުގައި މާޝަލް ލޯ ތަންފީޒު ކުރަމުންދާތީ މައާފަށް އެދުނު ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވަ އެވެ.ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ރައީސް މައާފަށް އެދިފައި ވަނީ އޭނާ މަގާމުން ދުރުކުރުމުގެ ހުށަހެޅުމެއް މަޖިލީހަށް ހުށަހަޅައި، ވެރިރަށް ސޯލްގައި ރައްޔިތުން ގިނަ މުޒާހަރާތަކެއް ކުރަން ރާވަމުންދާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޔޫން ވަނީ އަންގާރަ ދުވަހުގެ ރޭ ދެކުނު ކޮރެއާގައި މާޝަލް ލޯ ތަންފީޒުކޮށް، ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޕާލަމެންޓަށް އަސްކަރިއްޔާ ފޮނުއްވައިގެން އެމަނިކުފާނުގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައު ސިއްސުވާލާފަ އެވެ.
ނަމަވެސް ދެކުނު ކޮރެއާގެ ޕާލަމެންޓްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ މާޝަލް ލޯ ލާޒިމުކުރާ ރިޔާސީ އަމުރަށް ދެކޮޅު ހަދައިފަ އެވެ.
ހަމަޖެހޭ ޑިމޮކްރަސީއެއް އޮންނަ ގައުމެއްގެ ގޮތުގައި ބެލެވޭ ދެކުނު ކޮރެއާގެ ރައީސް ވަނީ މަޖިލީހުގެ ޤަރާރަށް ފަހު އެ ނިންމުން އަނބުރާ ގެންދަވާފަ އެވެ.
ރައީސް ޔޫން ޤައުމާއި މުޚާޠަބުކޮށް ޓީވީން ދެއްވި ޚިޠާބުގައި ވިދާޅުވީ 'މާޝަލް ލޯ އިއުލާން ކުރީ ރައީސްގެ ހައިސިއްޔަތުން އޭނާ މާޔޫސްވެފައި ހުރުމުން' ކަމަށެވެ. ނަމަވެސް އޭނާގެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިވި ކަމަށާއި އެ ތަކުލީފު ތަކަށް “ރައްޔިތުންގެ ކިބައިން އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެން.“
އިދިކޮޅު ފަރާތްތަކާއި ރައީސް ޔޫންގެ އަމިއްލަ ޕާޓީ (ޕީޕީޕީ)ގެ މުހިއްމު މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާއިރު، މަޖިލީހުން ވަނީ މިއަދު ހަވީރު އެމަނިކުފާނު މަގާމުން ދުރުކުރުމާއި ގުޅޭގޮތުން ވޯޓެއް ނެގުމަށް ހަމަޖެހިފައެވެ. އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގް އާއި ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވޯޓެއް ނެގިޔަސް ޔޫންގެ މަޤާމު ގެއްލޭނެ ވަރުގެ ކާމިޔާބެއް ޕާލަމެންޓަކުން އިދިކޮޅު ފަރާތަށް ލިބޭނެ ކަމުގެ ޔަޤީން ކަމެއް ނެތެވެ.
މަޖިލީހުގައި އިމްޕީޗްމަންޓް ހުށަހެޅުމުގެ ކުރިން ރައީސް ޔޫންއާއި ދެކޮޅު ލައްކައެއްހާ މީހުން ވެރިރަށް ސޯލްގެ މަގުތަކަށް ނުކުމެދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މުޒާހަރާ އިއުލާންކުރި އިންތިޒާމް ކުރާ ފަރާތްތަކުން ލަފާކުރި ގޮތުގައި މި މުޒާހަރާގައި 200،000 މީހުން ބައިވެރިވާނެ އެވެ.
ރައީސް ޔޫންގެ ކުރު ތަގުރީރުގައި އިސްތިއުފާ ދެއްވަން ހުށަހަޅުއްވާފައި ނުވާއިރު، ހަމައެކަނި ވިދާޅުވީ "ވެރިކަމުގެ ދައުރުގައި އެޅި އެހެން ފިޔަވަޅުތައް ހިމެނޭ ގޮތަށް ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް ޕާޓީގެ ބާރު ބޭނުން ކުރައްވާނެ" ކަމަށެވެ.
ރައީސް ޔޫންގެ ޕީޕަލްސް ޕަވަރ ޕާޓީން މި މައްސަލައިގައި ބައިބައިވެފައިވާއިރު، އިމްޕީޗްމަންޓް ހުއްޓުވާނެ ކަމަށް ބުނެ ރޭ ދަންވަރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ބުނެފައެވެ..
ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިޔާ ހާން ޑޮންގް ހޫން ވެސް ވަނީ ރައީސް ޔޫން ދާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނޫނީ ސޯލް އަށް އިތުރު ސިޔާސީ ހަލަބޮލިކަމެއް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމަށެވެ.
މިއަދު ހެނދުނު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ހާން ޑޮންގް ހޫން ވިދާޅުވީ "މިހާރުގެ ހާލަތުގައި އާންމު ގޮތެއްގައި ރައީސްގެ ވާޖިބު އަދާކުރުން ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް އަވަހަށް އިސްތިއުފާ ދެއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް" ކަމަށެވެ.
300 މެންބަރުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް 192 ގޮނޑި ލިބިފައިވާއިރު، ރައީސް ޔޫންގެ ޕީޕަލްސް ޕާޓީއަށް 108 ގޮނޑި ލިބިފައިވެ އެވެ.
ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ރައީސް އިމްޕީޗް ކުރުމުގެ ހުށަހެޅުމެއް ފާސްކުރުމަށް ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންވަނީ އެންމެ އަށް މެންބަރުންނެވެ.
ރައީސް އިމްޕީޗް ކުރުމަށް މަޖިލީހުން ގަރާރެއް ފާސްކޮށްފިނަމަ، ދުސްތޫރީ ކޯޓުން ގޮތެއް ނިންމަންދެން އެމަނިކުފާނު މަގާމުން ސަސްޕެންޑް ކުރާނެ އެވެ.
އަނެއްކޮޅުން، ބަޣާވާތުގެ ތުހުމަތުގައި ރައީސް ޔޫން އާއި އެހެނިހެން ބޭފުޅުން ތަހުގީގު ކުރަން މިހާރު ސޯލްގެ ފުލުހުން ފަށައިފި އެވެ.
ރައީސް ޔޫން އޭނާގެ ޚިޠާބުގައި ވިދާޅުވީ 'މާޝަލް ލޯ އިއުލާންކުރުމާއި ގުޅޭ ޤާނޫނީ އަދި ސިޔާސީ ޒިންމާގެ މައްސަލައިން އަޅުގަނޑު ފަހަތަށް ނުޖެހޭނެ' ކަމަށެވެ.
ރައީސް ޔޫން އެމަނިކުފާނުގެ ކުރު ޚިޠާބުގައި އިސްތިއުފާ ދެއްވުމަށް ހުށައަޅުއްވާފައެއް ނުވެއެވެ. ފޮޓޯ: ރޮއިޓާސް
އިދިކޮޅު ލީޑަރު ލީ ވިދާޅުވީ އާންމުންގެ ބޮޑު ޑިމާންޑާއި ކުރިމަތިލާން ޖެހުމުން ޔޫން އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވޭތީ، ޔޫންގެ ޚިޠާބަކީ "އިންތިހާއަށް މާޔޫސް ކުރުވަނިވި" ޚިޠާބެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔޫންގެ ވާހަކަފުޅުގެ ސަބަބުން 'ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަމުގެ އިހުސާސް އިތުރުވެގެން ދިޔަ' ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމަށް އޮތް ހަމައެކަނި ހައްލަކީ "ވަގުތުން ރައީސް އިސްތިއުފާ ދެއްވުން ނުވަތަ އިމްޕީޗްމަންޓް މެދުވެރިކޮށް އަވަހަށް ވަކިވުން" ކަމަށެވެ.
ރައީސް ޔޫން އަކީ ނުފޫޒު ގަދަ ލީޑަރެކެވެ. އޭނާ މިއަދު އިސްތިއުފާ ނުދެއްވީ ވެސް، ރައްޔިތުންގެ މަޖިލީހުން އޭނާގެ މައްޗަށް ވޯޓެއް ނަގައި މަޤާމުން ބޭރު ނުކުރެވޭނެ ކަމުގެ ޔްޤީންކަން އޮތީމަ ކަމަށް ބުރަ ވެވެއެވެ.