ބޭހަށް ނުގުޑާ ޖަރާސީމުގެ ސަބަބުން ކުރިމަތިވާ ނުރައްކަލުން އަރައިގަތުމަށްޓަކައި މަސައްކަތްކުރުމުގެ ޤައުމީ އެކްޝަން ޕްލޭން މިއަދު އިފްތިތާޙު ކޮށްފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
2024 އިން 2029 އަށް ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މި ޕްލޭންގައި، ބޭހަށް ނުގުޑާ ޖަރާސީމުގެ ސަބަބުން ކުރިމަތިވަމުންދާ އެކި މައްސަލަތަކާއި ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޢާންމުން ހޭލުންތެރިކުރުމާއި، އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅުންހުރި އިދާރާތައް އެކުގައި މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ވެސް ވަނީ ރޭވިފައެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާއިބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ބޭހަށް ނުގުޑާ ޖަރާސީމުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާ ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް ކުރިމަތިވެކުރިމަތިވެފައިވާ ކަމަށެވެ. އަދި މިކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނަމޫނާ ދައްކަވަމުން ގެންދަވާކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަނުއްރުދެ ތުޝާރާ ވިދާޅުވީ، މިއީ މުޅި ދުނިޔެއިން ތަޙައްމަލު ކުރަމުންދާ ހަމަހިމޭން ބޮޑު ކާރިސާއެއް ކަމަށެވެ. އަދި މިކަމުގައި ހުރިހާ ޤައުމެއްގެ ހުރިހާ ފަންތިއެއްގެ މީހުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ.