ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފަށާފައިވާ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން 1،000 ޓަނުގެ މުދާ، ރާއްޖެ މެދުވެރިކޮށް މިހާތަނަށް އެކްސްޕޯޓުކޮށްފި އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހިދުމަތާ ވާޖިން އެޓްލާންޓިކް އެއާލައިން ގުޅުމާ އެކު، ސީ ޓު އެއާ ކާގޯ ހިދުމަތުގައި މިހާރު ބޭރުގެ 12 އެއާލައިން ބައިވެރިވާ ކަމަށެވެ. ވާޖިން އެޓްލާންޓިކްގެ އިތުރުން އެ ހިދުމަތުގައި ބައިވެރިވެފައިވާ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ ޓާކިޝް، ގަތަރު، އެމިރޭޓްސް، އިއްތިހާދު، އޭރޯފްލޮޓް، ނިއޯސް، ގަލްފް އެއާ، ޑިސްކަވާ، އޮސްޓްރިއަން، ކޮންޑޯ އަދި ބްރިޓިޝް އެއާވޭސް އެވެ.
ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ އެމްއޭސީއެލް އިން ރައްކާތެރިކަމާ އެކު، އަވަހަށް ވައިގެ މަގުން އެކި މަންޒިލްތަކަށް ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ.
މިދިޔަ މެއި މަހު ފެށި އެ ހިދުމަތުގެ ދަށުން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތަކެވެ.
އެމްއޭސީއެލް އިން ބުނީ އާ އެއާލައިންތަކުން އެ ހިދުމަތް ދިނުމަށް ގުޅުމުން ވެލާނާ އެއާޕޯޓުގެ ކާގޯ ހިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. އެ ހިދުމަތާ އެކު އެއާޕޯޓުގެ ކާގޯ ހިދުމަތް މިހާރު ވެސް ވަރަށް ބޮޑަށް ފުޅާކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އެއާޕޯޓުގެ ހިއްސާ އޮތުމުގެ ފައިދާ އިގުތިސާދަށް ވަރަށް ބޮޑު ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.