ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް އިމަޖެންސީކޮށް އިމާރާތެއް ހޯދުމަށް މޯލްޑިވްސް މީޑިއާ ހައުސްއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރަން ނިންމައިފިއެވެ.
އެންސްޕާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ އަގު ވައްޓާލައި ބަދުނާމުކުރުމަށް ޙަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއް ދައްކައި، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް މާއްދީ އަދި މަޢުނަވީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައިވާތީ، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް މީޑިއާ ހައުސްއިން ހުށަހަޅާފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެންސްޕާއިން އިތުރަށް ބުނެފައިވަނީ، މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އާއި މަޝްވަރާކުރުމަށްފަހު، މޯލްޑިވްސް މީޑިއާ ހައުސްއާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.
އެންސްޕާއިން ކުރިން ބުނެފައިވަނީ އެ އޭޖެންސީ މިހާރު ހިންގަމުންދާ އިމާރާތުގެ މުއްދަތު ހަމަވާތީ، އާ އިމާރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އަދި ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި މަސައްކަތަށް ދެ ފަހަރަށް އިޢުލާންކުރެވުނު ކަމަށާއި، ދެވަނަ ފަހަރު ކުރިމަތިލާފައިވަނީ މޯލްޑިވްސް މީޑިއާ ހައުސްއިން އެކަނި ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން، އެކަން ބަލައިދިނުމަށް އެދި އެންސްޕާއިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިދިޔަ ހުކުރު ދުވަހުގެރޭ އެދިފައެވެ. އެންސްޕާއިން ކުއްޔަށް ހިފަން ނިންމާފައިވާ އިމާރާތަކީ ކުރީގެ މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީގެ އާއިލާގެ މއ. ސީރާޒީގޭގެ ތިން ފްލޯއެވެ. މި ފްލޯތަކަކީ މޯލްޑިވްސް މީޑިއާ ހައުސްއިން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ތަންތަނެވެ. އެންސްޕާއިން މި ތަން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާފައިވަނީ 34 މިލިއަން ރުފިޔާއަށެވެ.
އެންސްޕާ މިހާރު ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގައެވެ. ނަމަވެސް، އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަންޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ތަނުން ނުކުންނަން ޖެހޭނެ ކަމަށް އެންސްޕާއިން ކުރިން ބުނެފައިވެއެވެ. އެހެންކަމުން، ސަރުކާރުގެ އިމާރާތެއް ނުލިބުމުން ޓެންޑަރ ބޯޑު މެދުވެރިކޮށް އާ ތަނެއް ހޯދަން ޖެހުނު ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އުފެދިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން، އެންސްޕާއާއި މޯލްޑިވްސް މީޑިއާ ހައުސްއާ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާކަން މި ނޫސްބަޔާނުން އެނގެއެވެ. މިކަމާއި ގުޅިގެން އިތުރު މުޢާމަލާތްތައް ކުރިއަށް ގެންދާނީ މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.