ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވޭ: ހީނާ

އައިޝަތު ރުވާ ރިފްޢަތު | 101 ދުވަސް ކުރިން - 20:49
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިނުވާ ކަމަށް.

ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ފޯސްޓެއްގައިއެވެ.

ހީނާ މިފަދައިން ވިދާޅުވެފައިވަނީ މިއަދު މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި، ޑރ. ޢާއިޝަތު ރަމީލާ އަލާސްކަންފުޅުގައި އުޅުއްވަމުން ވެސް، މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވި މަގުން ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވެވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

"ޑޮކްޓަރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައި ވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން އަޅުގަނޑު ޔަޤީންކުރަމެވެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%