ރާއްޖޭގެ 4 ސަރަޙައްދެއްގައި ކްރޫޒް ޓާމިނަލް އަޅަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލުން ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުމެއް ގެނެސްދޭނެ މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ހެދުމަށް ގްރީސްގެ ތަޖުރިބާކާރު ކޮންސަލްޓެންޓެއް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ މި މަޝްރޫޢު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެމްޕީއެލްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ އަންނަ ޖެނުއަރީ މަހު ނިންމާލުމަށްފަހު، ފުރަތަމަ ކުއާޓާގައި އަމަލީ މަސައްކަތް ފެށޭނެއެވެ.
ކްރޫޒް ޓާމިނަލްތައް އަޅަން ނިންމާފައިވަނީ ހއ. އުލިގަމާއި ލ. ފޮނަދޫ އަދި އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ފަހު، އެ ސަރަހައްދުގައެވެ.
އެމްޕީއެލްއިން މި މަޝްރޫޢު ކުރިއަށް ގެންދަނީ ފަންނީ މީހުންގެ މަޝްވަރާގެ މަތިންނެވެ. އަދި އިމާރާތް ކުރުމާއި ބިނާވެށި ބެހޭ މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ހއ. އުލިގަމުގައި ކްރޫޒް ޓާމިނަލް އެޅުމަށް އެ ރަށު ކައުންސިލާ އެކު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.