މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށް އޮތް ޑިސެންބަރު މަހުގެ އުމްރާގައި ޓްރެކިން ޑިވައިސް ބޭނުންކުރުމަށް ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު އަލީ ޝަރީފް ވިދާޅުވީ، މި ޑިސެންބަރު އުމްރާގައި 800 އެއްހާ މީހުން ބައިވެރިވާނެ ކަމަށާއި، މިއީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށްދާ ފަހަރު ކަމަށެވެ.
"މިދިޔަ ޙައްޖުގައި އަޅުގަނޑުމެން ކޮންމެ ޙައްޖުވެރިއަކަށް ޓެގެއް އަޅުވަމުން ގެންދިޔަ. އޭގެ ނަތީޖާ ރަނގަޅު. ގެއްލޭ މީހުން ހޯދައި ގެނެސް އެމީހުން ހޮޓަލަށް ވައްދަން ވަރަށް ފަސޭހަވެގެންދިޔަ. އެހެންވީމަ މިފަހަރުގެ ޑިސެންބަރުގައި ވަރަށް ގިނަ މީހުން ގޮވައިގެން ދާތީވެ، އަޅުގަނޑުމެން ނިންމީ އެމީހުންނަށް ވެސް ކޮންމެ މީހަކަށް އޭގެ ޓެގެއް އަޅުވަން," އަލީ ޝަރީފް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ފުރަތަމަ ފަހަރަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައިވަނީ 1425 ވަނަ އަހަރުގެ ޙައްޖުގައެވެ. ޙައްޖާއި އުމްރާގެ އަޅުކަމަކީ ގިނަ އަދަދެއްގެ މީހުން ޖަމާވާ އަޅުކަމަކަށްވާއިރު، ގިނައިން މީހުން ގެއްލި މަގުއޮޅޭ ކަމަށް އަލީ ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޙައްޖު ކޯޕަރޭޝަނުން ވަނީ ފާއިތުވި 11 އަހަރު އެ ކުންފުނި ހިންގާފައިވަނީ ގެއްލުމުގައި ކަމަށާއި، އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ.