ގުޅީގައި ފާނަބަސްދު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ: ހެލްތު މިނިސްޓްރީ

އަހްމަދު އީޒާން | 21 ދުވަސް ކުރިން - 14:03
ކ. ގުޅި
ކ. ގުޅި
ޚުލާސާ

މިހާތަނަށް އެ ރަށުން ފެނިފައި ވަނީ ފާނަބަސަންދުގެ 22 ކޭސް. އެކަމަކު، މިދިޔަ ތިން ދުވަހު އިތުރު އެއްވެސް ކޭސްއެއް ފެނިފައި ނުވޭ.

ކ. ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ މި މަހުން ފެށިގެން ގުޅީގައި ފާނަބަސަންދުގެ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް މިދިޔަ ތިން ދުވަހު އެއްވެސް އިތުރު ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ.

މިހާތަނަށް އެ ރަށުން ފެނިފައި ވަނީ ފާނަބަސަންދުގެ 22 ކޭސް އެވެ.

ފާނަބަސަންދު ޖެހިގެން ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދިން ނަމަަވެސް، އެ މީހުން މިިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށާއި މި ވަގުތު ސީރިއަސް ކޭސްއެއް ނެތް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ ގުޅީގައި ފާނަބަސަންދު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 87 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމުން ހިމެނޭ ކަމަށެވެ.

އެ ރަށުގައި މި ބަލި އިތުރުވުމުން އެޗްޕީއޭ އިން ވަނީ އާއްމުންނާއި ސްކޫލް ކުދިންނާއި ބެލެނިވެރިންނަށް މި ބައްޔާއި ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓްކުރެ އެވެ.

ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އަދި މި ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މި ބަލިޖެހުމުން ފެންނާނެ އާންމު އަލާމާތްތަކަކީ ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން އަދި ހަމުގައި ބިހިތަކެއް ނެގުމެވެ. މި ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެ އެވެ. މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެކެވެ، އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާގައި ފެންބިހިގޮތަށް ހުންނަ ބިހި ނަގަން ފަށަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%