ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކައި ޚަލާޞް ކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީކުރަމުންދާ މި 4،000 ފްލެޓްގެ މަޝްރޫޢުގެ އަގަކީ 267 މިލިޔަން ޑޮލަރުކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕޮރޭޝަން (އެންބީސީސީ) އިންކަމަށް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު މަޝްރޫޢުއަށް ދައުލަތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާފައި ނުވާތީ، ފްލެޓްތަކުގެ މަސައްކަތް ނިންމުން ލަސްވެފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކައި ޚަލާޞް ކޮށްފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންޓްރެކްޓަރ ކުރަމުން އައި މަސައްކަތްތަކަށް އިސްލާހުތަކެއް ގެނެސް، މަސައްކަތް އަވަސްކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ކުރިއާއި އަޅާބަލާއިރު މަސައްކަތް ބޮޑުތަނުން އަވަސްވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރީގެ ސަރުކާރު ނިމުނުއިރު 31 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި 32 އިންސައްތަ މަސައްކަތް ނިންމާފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.
މި 4،000 ހައުސިންގ ޔުނިޓްގެ 32 ޓަވަރުގެ މަސައްކަތް ކުރުމަށް ކޭޕީއައިއެލް އާއި އެންބީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ. ކޭޕީއައިއެލްއިން ތަރައްޤީކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" އަދި އެންބީސީސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް "އަމާން ދޯދި" އެވެ. އެފްޑީސީން މިހާރު އަމާޒު ހިފާފައިވަނީ މި 4،000 ފްލެޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ސްޕީޑް އަވަސްވެފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. މިކަމަށް މަގުފަހިވެފައިވަނީ ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކުމާއި، މަސައްކަތުގެ ރޭވުންތަކަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުންކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ.