ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތު 3200 އަށްވުރެ ގިނަ މީހުން ހޯދައިފި: އެންސްޕާ

އައިޝަތު ރުވާ ރިފްޢަތު | 107 ދުވަސް ކުރިން - 22:49
އާސަންދަ އޮފީސް
އާސަންދަ އޮފީސް
ޚުލާސާ

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 3238 މީހުން މި ޚިދުމަތް ހޯދާފައިވޭ. މީގެ ތެރޭގައި ހިމެނެނީ 1411 ފިރިހެނުންނާއި 1827 އަންހެނުން.

އާސަންދަ ސްކީމުގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ މަގު ފަހިކޮށްދިނުމާއި ގުޅިގެން، މިހާތަނަށް 3200 އަށްވުރެ ގިނަ މީހުން މި ޚިދުމަތް ހޯދާފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

މި މަޢުލޫމާތު އެންސްޕާއިން ހާމަކޮށްފައިވަނީ ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން އާންމުކުރި ތަފާސްހިސާބުތަކުގައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 3238 މީހުން މި ޚިދުމަތް ހޯދާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1411 ފިރިހެނުންނާއި 1827 އަންހެނުންނެވެ.

ރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަތުމަށްޓަކައި، ސަރުކާރުން މިދިޔަ ޖުލައި މަހު އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކަޕް ހުރިހާ އުމުރުފުރައަކަށް ހެދޭ ގޮތަށް ހުޅުވާލިއެވެ. މި ޚިދުމަތް ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނަށާއި އުމުރުން 19 އަހަރުން ދަށުގެ ކުދިންނަށް މި ޚިދުމަތް ފޯރުކޮށްދޭން ފެށިއެވެ.

ޖުލައި މަހުން ފެށިގެން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް މި ޚިދުމަތް ލިބޭ ގޮތަށް ހަމަޖެހިފައިވެއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ޚިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ 40 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން 40 އަހަރުން މަތީގެ 2428 މީހުން މި ޚިދުމަތް ހޯދާފައިވެއެވެ. މީގެ އިތުރުން، 40 އަހަރުން މަތީގެ ކޮންމެ މީހަކަށް ހިލޭ ކެންސަރަށް ސްކްރީންކުރެވޭނެ ގޮތް ވެސް ސަރުކާރުން ހަމަޖައްސާފައިވާއިރު، މިހާތަނަށް 512 މީހުން މި ޕެކޭޖް ނަގާފައިވެއެވެ.

19 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރައިން 278 މީހުން މެޑިކަލް ޗެކަޕް ހަދާފައިވާއިރު، 18 އަހަރުން ދަށުގެ 20 ކުދިން ސްކޫލް ހެލްތު ސްކްރީނިންގ ހަދާފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ހުޅުވާލާފައިވާ މި ޚިދުމަތުގެ ބޭނުން ކުރުމަށް ކަމާއިބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ. މި ޚިދުމަތުގެ ސަބަބުން ދުރާލައި ބަލި ދެނެގަނެވި، އެ ބަލިތަކުން އަރައިގަތުމަށް ފުރުޞަތު ލިބޭނެ ކަމަށް ސިއްޙީ މާހިރުން ފާހަގަ ކުރައްވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%