އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ގޫގުލްގެ މައި ކުންފުނި އަލްފާބެޓް އަށް ގޫގުލް ކްރޯމް ބްރައުޒަރ ވިއްކާލުމަށާއި ވާދަވެރިންނާއި ޑޭޓާ ހިއްސާކުރުމަށް މަޖުބޫރުކުރުމަށް އަމުރުކޮށްދިނުމަށް ވޮޝިންގްޓަންގެ ކޯޓެއްގައި އެދިއްޖެއެވެ.
ބުދަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުމެއްގައި، ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނީ އޮންލައިން ސަރޗް މާކެޓުގެ ގާތްގަނޑަކަށް 90 ޕަސެންޓް ކޮންޓްރޯލްކުރާ ގޫގުލް އަށް ފަސް އަހަރަށް ބްރައުޒަރ މާކެޓަށް އަލުން ވަނުމުގެ ހުއްދަ ނުދިނުމަށާއި، އެންޑްރޮއިޑް މޮބައިލް ވިއްކަން ޖެހޭ ކަމަށެވެ. މިއީ ވާދަވެރި ވިޔަފާރިތަކަށް ފުރުސަތު ދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ޕްރޮސެކިއުޓަރުން ފާހަގަކުރިއެވެ.
މީގެއިތުރުން، ޓެބްލެޓް އަދި ސްމާޓްފޯނުތަކުގައި ސަރޗް އިންޖީނު ޑިފޯލްޓްކޮށްދޭ ޑިވައިސް އުފައްދާ ކުންފުނިތަކާއެކު ގޫގުލްއިން ވެފައިވާ ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކަށް ނިމުމެއް ގެނައުމަށްވެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބޭނުންވެއެވެ.
"ގޫގުލްގެ ގާނޫނާއި ޚިލާފު ޢަމަލުތަކުގެ ސަބަބުން ވާދަވެރިން މަޙްރޫމްވެފައިވަނީ ހަމައެކަނި ކްރިޓިކަލް ޑިސްޓްރިބިއުޝަން ފުރުސަތުތަކަކުން އެކަންޏެއް ނޫން. ވާދަވެރިންނަށް އާ އަދި އިނޮވޭޓިވް ގޮތްގޮތުން މި މާކެޓްތަކަށް ވަދެވެން ހުރި ފުރުސަތުތައްވެސް ގޫގުލްގެ ސަބަބުން ވަނީ ގެއްލިފައި،" ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ޕްރޮސެކިއުޓަރުން ކޯޓުގައި ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެދޭފަދަ އަމުރެއް ކޯޓުން ނެރެފިނަމަ، ގޫގުލްއަށް ވޮޝިންގްޓަންގެ ފެޑެރަލް ކޯޓުން ދިހަ އަހަރު ދުވަހުގެ ރެގިއުލޭޝަން އަދި އޮވަރސައިޓްގެ އަމުރަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ގޫގުލްއިން ބުނިގޮތުގައި އެ ކުންފުނީގެ މަޤްބޫލުކަން އިތުރުވަނީ އޮންލައިންކޮށް ސަރޗްކުރުމާއި އެއް މާނައެއް ދޭހަވާ ގޮތަށް ސަރޗް އިންޖީނު ބޭނުންކުރަން ކޮންސިއުމަރުން ބޭނުންވާތީއެވެ. ނަމަވެސް މިހާރު ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެދިފައިވާފަދަ އަމުރެއް ނެރެފިނަމަ، އެކަމުގެ ސަބަބުން އެމެރިކާގެ ކޮންސިއުމަރުންނާއި ވިޔަފާރިތަކަށް ގެއްލުންވުމުގެ އިތުރުން ވާދަވެރިކަމަށް ބުރޫއަރާނެ ކަމަށްވެސް ގޫގުލްއިން ބުންޏެވެ.
ކޯޓުން މިހާރު ވަނީ ގޫގުލްއަށް އަންނަ ޑިސެމްބަރ މަހު، ވާދަވެރިންނަށްވެސް ފުރުސަތުތައް ފަހިވާގޮތަށް އޮންލައިން ސަރޗް މާކެޓް ބޭނުންކުރާނެ ގޮތުގެ ޕްރޮޕޯސަލްއެއް ހުށަހެޅުމަށް ފުރުސަތު ދީފައެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ގޫގުލްއާ ދެކޮޅަށް ހުށަހެޅި އެންޓި-ޓްރަސްޓް މައްސަލައެކެވެ. މި މައްސަލައިގައި ގޫގުލްއަށް ތުހުމަތު ކުރެވެނީ އޮންލައިން ސަރޗް މާކެޓުގައި އޭގެ މަޤާމު ނަހަމަ ގޮތުގައި ބޭނުންކޮށް، ވާދަވެރިންގެ ފުރުސަތުތައް ހަނިކޮށް، މާކެޓް މޮނޮޕޮލައިޒް ކުރުމަށެވެ.