ފުވައްމުލަކުގައި ޤާއިމް ކުރާ ޤައުމީ ލެބޯޓަރީގެ ޙިދުމަތް 2025 ވަނަ އަހަރު ފޯރުކޮށްދެވޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ސަރުކާރަށް 52 ހަފްތާ ފުރުމާއި ގުޅިގެން ވުޒާރާގެ ކާމިޔާބީތައް ހިމެނޭގޮތަށް ނެރުނު ފޮތުގައެވެ.
ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ފުވައްމުލަކުގައި ޤާއިމްކުރާ މި ލެބޯޓަރީ ޢިމާރާތް ކުރުމަށް 29 އޮގަސްޓު 2023 ގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ އަމާޒަކީ 2025 ވަނަ އަހަރުގައި ލެބޯޓަރީގެ ޚިދުމަތްތައް ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
މި ޤައުމީ ލެބޯޓަރީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ގަސްތަކަށްޖެހޭ ބަލިތައް ދެނެގަތުމާއި، ފަސްގަނޑު ޓެސްޓުކުރުމާއި، ބަޔޮލޮޖިކަލް ކޮންޓްރޯލް އެޖެންޓްސް އުފެއްދުމާއި، ޕްލާންޓް ޓިޝޫ ކަލްޗަރކޮށްގެން ދޮންކެޔޮ ފަދަ ކުދި ގަސްތައް އުފެއްދުން ހިމެނޭކަމަށް ވުޒާރާއިން ބުންޏެވެ. ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓަރީގެ ޚިދުމަތް 2025 ވަނަ އަހަރު ފެށުމުން، ދަނޑުވެރިންނަށް ލިބޭނެ ޓެކްނިކަލް އެހީތެރިކަން އިތުރުވެ، އުފެއްދުންތެރިކަން އިތުރުވެ، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވުޒާއިން ފާހަގަކުރިއެވެ.
މިފަދަ ލެބޯޓަރީއެއް ޤާއިމުވުމަކީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ނަފާ ލިބުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވާފައެވެ.
https://www.khulaasaa.com/post/1589
ވާޓިކަލް ފާމިންގް ޕްރޮގްރާމާއި ހައިޑްރޯޕޯނިކްސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔައީވެސް މި 52 ހަފްތާގެ ތެރޭގައެވެ. މިގޮތުން، ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރު ތެރޭގައި އިފްތިތާޙުކޮށްފައިވެއެވެ. އަދި 2025 ވަނަ އަހަރު ޅ. ނައިފަރު، ރ. ހުޅުދުއްފާރު، ނ. ކެނދިކުޅުދޫ، ތ. ކިނބިދޫ އަދި އއ. މަތިވެރީގައި ވާޓިކަލް ފާމިންގ ތަޢާރަފްކުރުމަށް ސިސްޓަމްތައް ޤާއިމްކުރާނެ ކަމަށް ވުޒާރާއިން ހާމަކުރިއެވެ. މިއީ އެއްވެސް ސަރުކާރަކުން މިހައިތަނަށް ކޮށްފައިވާ އަދި ޕްލޭން ވެސް ކޮށްފައިވާ ކަންތަކެއް ނޫނެވެ. ރާއްޖެއަކީ ތަރުކާރީއާއި މޭވާވެސް އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަަށްވާއިރު މިފަދަ މަޝްރޫޢުތަކުން ހެޔޮ އަގުގައި ތާޒާ ތަރުކާރީއާއި މޭވާ ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ އދ. އޮމަދޫ އަދި ފ. ދަރަބޫދޫގައި ފަތްޕިލާވެއްޔަށާއި ކިއުކަންބާއާއި މެލަން ފަދަ މޭވާއާއި ތަރުކާރީއަށް ޙާއްޞަ ހައިޑްރޯޕޯނިކްސް ސިސްޓަމްތައް ޤާއިމްކުރުމަށް މިއަހަރު ނިންމައި އެކަމުގެ މަސައްކަތް ވެސް ފަށާފައެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ވުޒާރާއިން ބުންޏެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަކީ 2023 ނޮވެންބަރު 17 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާއި ގުޅިގެން ވަކި ވުޒާރާއެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނެންގުވުމުގެ ދަށުން އުފައްދާފައިވާ އައު ވުޒާރާއެކެވެ. މި ވުޒާރާގެ މަޤްޞަދަކީ ދަނޑުވެރިކަން އިޤްތިޞާދުގެ މުހިއްމު އެއް ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކޮށް ކާނާގެ ޔަޤީންކަން ޤާއިމްކޮށް ދިރޭތަކެތީގެ ޞިއްޙަތާއި ވެލްފެއަރ ތަރައްޤީކުރުމެވެ.