މާ ގިނަ ދުވަސްތަކެއް ނުވަނީސް ބާޖުގައި ފެން ޕްލާންޓެއް ބެހެއްޓި، ފެން އުފައްދަން ފަށާނެ ކަމަށް ވޯޓާ ބަންކަރިންގ ޚިދުމަތްދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގެ ޑިރެކްޓަރު މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ވޯޓާ ބަންކަރިންގެ ޚިދުމަތް ތަޢާރަފްކޮށް އެކަމަށް ބޭނުންވާ ޚާއްޞަ ބާޖެއް އިއްޔެ ވަނީ ޚިދުމަތަށް ނެރެފައެވެ.
ވަޖީހު ވިދާޅުވީ ކުރީގައި ވޯޓާ ބަންކަރިންގެ ޚިދުމަތް ދެމުން އައީ ކޮޅު ވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެން ކަމަށައި، ނަމަވެސް މިހާރު ތިލަފުށީގެ އެމްޕީއެލް ޑޮކްޔާޑުގައި އެމްޕީއެލްއިން ބާޖެއް ބަނދެ ބޭނުންކުރަން ފަށާފައިވާއިރު، އޭގައި ފެންޕްލާންޓު ހަރުކޮށް އަމިއްލަޔަށް ފެން އުފެއްދާނީއެވެ.
އެމްޑީ ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވަނީ 200 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ ބޮޑު ބާޖެކެވެ. އަދި ކުރިއަށް އޮތްތަނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މި ބާޖެވެ.
މިދިޔަ މަހު 18 ވަނަ ދުވަހު އުތުރުގައި ބަންކަރިންގެ ޙިދުމަތް ފަށާފާވާއިރު، މި ޚިދުމަތުގެ ތެރެއިން ބޯޓަށް ތެޔޮ އަޅައިދިނުމާއި، ފަޅުވެރިން ބަދަލުކުރުމުގެ ޚިދުމަތް ދިނުމާއިއެކު ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސާމާނު ފޯރުކޮށްދިނުމާއި މަރާމާތްކުރުމުގެ އިތުރުން ސާފު ބޯފެނުގެ ޙިދުމަތް ވެސް ފޯރުކޮށްދެއެވެ.