އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް، ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށް ތުރްކިއޭގެެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ. އެރްދޮޣާން މިފަދައިން ވިދާޅުވެފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވުމާއި ގުޅިގެންނެވެ.
އެރްދޮޣާން ވިދާޅުވީ، މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެޅިދާނެ އެއް ފިޔަވަޅަކީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓާލުން ކަމަށެވެ. "ހަމަނުޖެހުންތައް ހުއްޓުވުމަކީ ޓްރަމްޕްގެ ވަޢުދެއް. އަޅުގަނޑުމެން ބޭނުމީ، ޓްރަމްޕްގެ އެ ވަޢުދުތައް ފުއްދެވުން އަދި އިސްރާއީލްގެ [ޔަހޫދީންގެ ޖަރީމާތައް] ހުއްޓުވުން،" އެރްދޮޣާން ވިދާޅުވިއެވެ.
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 43,508 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 17,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 102,684 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ލުބްނާނުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 3,102 މީހުން ޝަހީދުވެފައިވާ ކަމަށާއި، 13,819 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެރްދޮޣާން އަކީ ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ އަދި އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރައްވަމުން ގެންދަވާ އެއް ލީޑަރެވެ. އޭނާ ވަނީ މި ޢުދުވާނާއި ގުޅިގެން އިސްރާއީލާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ވެސް ހުއްޓައިލައްވާފައެވެ. އަދި، ޔަހޫދީންގެ ޤަތުލުޢާންމުތަކާއި ގުޅޭ ގޮތުން ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޔަހޫދީންނާ ދެކޮޅަށް ވަކާލާތު ކުރުމަށް ތަދައްޚުލްވުމަށް ހުށަހަޅާފައެވެ.