ރަށްރަށުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ހާލަތު ދެނެގަތުމަށް މޮބައިލް ޓީމްތަކެއް އެކުލަވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ރަމީލާ ވިދާޅުވީ މާލޭ ސަރަޙައްދުގައި މަގުމަތީގައި އުޅޭ ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ބިނާކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމާއި ގުޅިގެން އެތަނުގެ މަސައްކަތްތައް ރަށްތަކަށް ވެސް ފުޅާކުރަންޖެހޭ ކަމަށެވެ. އެކި ރަށްތަކުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަތައްވެސް އެ ވުޒާރާއަށް ހުށަހަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މޮބައިލް ޓީމްތައް އެކުލަވާލާފައި މަގުމަތީގައި އުޅޭ ބުޅާތަކުގެ އުނދަގޫތައް އެންމެ ބޮޑަށް މައްސަލަ ބޮޑުވެފައިވާ ރަށްތަކަށް ފުރަތަމަ ދަތުރުކުރާނީ. އަޅުގަނޑުމެންގެ ވެޓިނަރީ ޑޮކްޓަރުންނާއި ޓީމްތަކުގެ އެކި މެމްބަރުން އެތަންތަނަށް ދަތުރުކޮށް، އުޅޭ ބުޅާތަކުގެ އެސެސްމަންޓެއް ހަދާނެ އަދި ނިއުޓަރ ކުރަންޖެހޭނަމަ އެކަންވެސް ކުރާނެ" ވަޒީރު ރަމީލާ ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ޑރ. ރަމީލާ ވިދާޅުވީ ސަރަޙައްދީ ގޮތުން މުސްތަޤްބަލުގައި އެކި ސަރަޙައްދުތަކުގައި ފެސިލިޓީތައް ޤާއިމުކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި މޮބައިލް ޓީމުގެ ޚިދުމަތްތައް ރަށްތަކުގައި ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޮޅު ހިޔާ"ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. ޕެޓް ކެއަރ ފެސިލިޓީ ތަރައްޤީކޮށްފައިވަނީ 5000 އަކަ ފޫޓުގެ ބިމެއްގައެވެ.
ޕެޓް ކެއަރ ފެސިލިޓީން އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަނަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން، ކާންދިނުމާއި، ބޭސްއެޅުން ހިމެނެއެވެ. މީގެ އިތުރުން، އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެ ނޫން ވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުންވެސް ހިމެނެއެވެ.