ރަޝިއާ ސަރުކާރުން ގޫގުލް ކުންފުނި 20 ޑެސިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ގޫގުލްގެ ވީޑިއޯ ޕްލެޓްފޯމް ކަމަށްވާ ޔޫޓިއުބުން ރަޝިއާގެ ޗެނަލްތަކަށް ފިޔަވަޅު އަޅާފައިވާތީއެވެ.
ރަޝިއާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާގެ މީޑިއާތައް ސެންސަރު ކުރުމުގެ ގޮތުން ގޫގުލްއިން ވަނީ ރަޝިއާގެ ޗެނަލްތައް ޔޫޓިއުބުގައި ނުފެންނާނެ ގޮތަށް ބްލޮކްކޮށްފައެވެ. މިއީ މި ފިޔަވަޅުގެ ބަދަލުގައި ރަޝިއާ ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.
ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، މި ޢަދަދުން ޖޫރިމަނާ ކުރަން ނިންމާފައިވަނީ ރަމްޒީ ގޮތެއްގައި ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ރަޝިއާގެ ޗެނަލްތައް ބްލޮކް ކުރަން ނިންމި ނިންމުން ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
20 ޑެސިލިއަން ޑޮލަރަކީ މުޅި ދުނިޔޭގައި ވެސް ދައުރުވަމުންދާ ހުރިހާ ފައިސާއަށް ވުރެ ގިނަ އަދަދެކެވެ. މިއީ 20 ބިލިއަން، ޓްރިލިއަން ޓްރިލިއަން ޑޮލަރެވެ. އައިއެމްއެފްއިން ލަފާ ކުރާ ގޮތުގައި މުޅި ދުނިޔޭގެ ޖީޑީޕީއަކީ 110 ޓްރިލިއަން ޑޮލަރެވެ.
ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން ރަޝިއާއިން ވަނީ އެ ޤައުމުގައި ޔޫޓިއުބް ބްލޮކް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ނަމަވެސް، އަދިވެސް ރަޝިއާގައި ޔޫޓިއުބް ބޭނުންކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ރަޝިއާގެ ކޯޓުތަކުން ވެސް ވަނީ އެކި ފަހަރު މަތިން ޔޫޓިއުބް ޖޫރިމަނާ ކުރަން ނިންމާފައެވެ. ނަމަވެސް، ހުޅަނގާއި އޮތް ގުޅުން ކެނޑިފައިވާއިރު، އެ ނިންމުންތައް ތަންފީޛުކުރާނެ ގޮތެއް ނެތް ކަމަށް ލަފާކުރެވެއެވެ.