2025 ގެ ބަޖެޓު ޑެފިސިޓް 7.8 އިންސައްތައަށް ދަށްވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

އާނާ ފަހީމް | 134 ދުވަސް ކުރިން - 14:17
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ: މަޖިލިސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ: މަޖިލިސް
ޚުލާސާ

2025 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތައަށް ދަށްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ. މިއީ 2019 ވަނަ އަހަރުގެ ފަހުން އެންމެ ކުޑަ ޑެފިސިޓް.

2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ 2019 ވަނަ އަހަރުގެ ފަހުން ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، މި ބަޖެޓުގެ ޖުމްލަ އަދަދަކީ 56.6 ބިލިއަން ރުފިޔާ ކަމަށާއި، ބަޖެޓު ޑެފިސިޓް ހުންނާނީ 9.4 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި، މިއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ ކަމަށެވެ.

2024 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު، 2025 ގެ ބަޖެޓަކީ ޑެފިސިޓް ކުޑަކުރުމަށް އަމާޒުކޮށްފައިވާ ބަޖެޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި މި ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒުކުރުމުން ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް އެދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއެކު، 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%