އޮންލައިން ޖުވާކުޅުން ހުއްޓުވުމަށް ޤާނޫނަށް އިޞްލާޙު ގެންނަން ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ | 132 ދުވަސް ކުރިން - 10:10
ޚުލާސާ

ބަންޑާރަނައިބު ވިދާޅުވީ ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައިވެސް މިހާރަކަށް އައިސް އޮންލައިން ޖުވާއާއި ބެޓިން ޢާންމުވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށާ، އެފަދަ ކަންތައް ހުއްޓުވުމަށް ޤާނޫނަށް އިޞްލާޙު ގެންނާނެ ކަމަށް.

ދިވެހިންގެ މެދުގައި ޢާންމުވަމުންދާ އޮންލައިން ޖުވާކުޅުމާއި ބެޓިން ހުއްޓުވުމަށްޓަކައި ޤާނޫނަށް އިޞްލާޙު ގެންނަން ނިންމައިފިކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރެވޭ ޖުވާކުޅުން ހުއްޓުވުމަށްޓަކައި ޤާނޫނަށް އިޞްލާޙު ގެންނާނެ ކަމަށެވެ. އަދި މިފަދަ ޖުވާކުޅުން ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް އާންމުވަމުންދާކަން ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު އުޝާމް އިތުރަށް ވިދާޅުވީ، ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ތެރޭގައި މަސައްކަތްކުރެވެމުންދާ ކަމަށާއި، މިހާތަނަށް މިކަން ހުއްޓުވުމަށް ޤާނޫނީގޮތުން އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ މިއަހަރު އޮންލައިން ބެޓިން ސައިޓްތައް ބްލޮކްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވަމުން ބަންޑާރަނައިބު ވިދާޅުވީ، ޒުވާނުންގެ އިތުރުން ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައިވެސް ބެޓް ކުރުމާއި ޖުވާ ސައިޓްތައް ބޭނުންކުރުން ޢާންމުވެފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިކަމުން ނާޖާއިޒު ފައިދާ ހޯދަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.       

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%