ސަރުކާރުން 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރަނީ

އާނާ ފަހީމް | 52 ދުވަސް ކުރިން - 09:48
އެސްޓީއޯގެ ބޭސްފިހާރައެއް
އެސްޓީއޯގެ ބޭސްފިހާރައެއް
ޚުލާސާ

ސަރުކާރުން 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށް ނިންމައި، ފުރަތަމަ މަރުޙަލާގައި 213 ބޭހެއްގެ އަގަށް ނޮވެމްބަރު މަހު ބަދަލު ގެންނަން ނިންމައިފި. މިކަމުގެ ސަބަބުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތްވާނެ.

ސަރުކާރުން 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށް ނިންމައި، އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.

އެންސްޕާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރިއަށް ގެންދާނީ އެކި މަރުޙަލާތަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ މަރުޙަލާގައި 213 ބޭހެއްގެ އަގަށް ބަދަލު ގެންނާނެ ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ. އޭގެ ތެރެއިން 87 ބޭހެއްގެ އަގަށް ނޮވެމްބަރު 1 އިން ފެށިގެން ބަދަލު ގެންނާނެ ކަމަށާއި، 126 ބޭހެއްގެ އަގަށް ނޮވެމްބަރު 24 އިން ފެށިގެން ބަދަލު ގެންނާނެ ކަމަށް އެންސްޕާއިން ހާމަކޮށްފައިވެއެވެ.

މި ފިޔަވަޅުގެ ސަބަބުން ބޭހަށް ދައުލަތުން ކުރާ ޚަރަދުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ. ނަމަވެސް އާސަންދައިގެ ދަށުން ރައްޔިތުންނަށް ހިލޭ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ އޭޖެންސީން ފާހަގަކޮށްފައިވެއެވެ.

ބޭހުގެ އަގު ކޮންޓްރޯލްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަމުގެ ސަބަބުން ކުރިން އަގު ބޮޑުކޮށް ވިއްކަމުންދިޔަ ބޭހުގެ އަގު ހެޔޮވެގެންދާނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ. އަދި އެސްޓީއޯގެ ފާމަސީތަކާއި އާސަންދަ ސްކީމްގައި ރަޖިސްޓަރކޮށްފައިވާ އަމިއްލަ ފާމަސީތަކުން އިތުރު އަގަކާ ނުލައި ބޭސް ލިބެން ހުންނާނެ ކަމަށްވެސް އެ އޭޖެންސީން ހާމަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%