ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި ފެނާއި ކާބޯތަކެތި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިޓަލީވިލާތުގައި މިހާރު ކުރިއަށްދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ވިޔަސް ނުވަތަ އެހެން މަޤްޞަދެއް ޙާޞިލްކުރަންވެސް އިންސާނަކަށް ފެނާއި ކާބޯތަކެތި ލިބެންހުރި މަގުތަކަށް ހުރަސް އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިންގަމުންދާ ސަރަޙައްދުތަކުގައި ފެނާއި ކާބޯތަކެތި ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ވަޒީރު ގޮވާލެއްވިއެވެ.
ޚާއްޞަކޮށް، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި، ފެނާއި، ބޭސްފަރުވާފަދަ އަސާސީ ޚިދްމަތްތައް ދާއިމީގޮތެއްގައި ފޯރުކޮށްދިނުމަށް އދގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޯއޭ) އާއި ކަމާގުޅުންހުރި އެހެނިހެން ބައިނަލްއަޤްވާމީ އިދާރާތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކުވައިތުން ހުށައެޅި ހުށައެޅުމަށް ވަޒީރު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުން އެކޮމިޓީން ފާސްކުރާ ރިޕޯޓުގައި ހިމެނުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ގިނަ ޤައުމުތަކުން ވަނީ ކުވައިތުގެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. އެއްވެސް ޤައުމަކުން މި ހުށަހެޅުމަށް ސީދާގޮތުން ދެކޮޅު ހަދާފައިނުވާއިރު، ކޮމިޓީގެ ޗެއަރޕާސަން ވަނީ މި ހުށަހެޅުން ކޮމިޓީގެ ރިޕޯޓުގައި ހިމެނުމަށް ނިންމަވާފައެވެ.
ވަޒީރު ޑރ. ރަމީލާ، އިޓަލީ ވިލާތުގެ ލާޒިއޯ ރީޖަންގެ ރައީސް އެންޓޮނެއްލޯ އޮރިގެއްމާ އާއި ބައްދަލުކުރެއްވުން / ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ
ރޯމްގައި މި މަހުގެ 21 އިން 25 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ބައިވެރިވުމަށް ވަޒީރު ރަމީލާ އިޓަލީ ވިލާތަށް ކުރައްވާ ދަތުރުފުޅުގައި، އިޓަލީ ވިލާތުގެ ލާޒިއޯ ރީޖަންގެ ރައީސް އެންޓޮނެއްލޯ އޮރިގެއްމާ އާއި ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އިޓަލީވިލާތުން، ޚާއްޞަކޮށް ލާޒިއޯ ރީޖަންގެ މައި އިދާރާ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
އަދި މީގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ފެނާއި ބިމުގެ ވަޞީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް، ރާއްޖޭގެ ބިމުން ދަނޑުވެރިކަމަށް ބޭނުންކުރެވެން ހުރި ބިންކޮޅުގެ އެންމެ ފުރިހަމަ ބޭނުން ހިފުމާ ގުޅޭގޮތުން ދެފަރާތުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.