ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގައި ވަޒީރު ރަމީލާ ބައިވެރިވެ ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު | 141 ދުވަސް ކުރިން - 09:58
ވަޒީރު ޑރ. އައިޝަތު ރަމީލާ
ވަޒީރު ޑރ. އައިޝަތު ރަމީލާ
ޚުލާސާ

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި، ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ދިމާވެފައިވާ ހުރަސްތައް އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކުރުމަށް މަސައްކަތް ކުރެވޭނެ.

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވަޒީރު ޑރ. އައިޝަތު ރަމީލާ ބައިވެރިވެ ވަޑައިގެންފިއެވެ. އިއްޔެ އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ ފުޑް އެންޑް އެގްރިކަލްޗަ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ހެޑްކުއާޓަރގައި ފެށި މިބައްދަލުވުން މިމަހުގެ 25 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި 152 ޤައުމުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖެއިން ވަޒީރު ރަމީލާގެ އިތުރުން މިނިސްޓްރީގެ ޑިރެކްޓަރ އަލީ އާމިރު ވެސް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ވުޒާއިން ބުނެއެވެ. 

ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއޯ، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އައިފެޑް)، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)، އަދި އ.ދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ އިސްވެރިން ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 733 މިލިޔަން މީހުން ބަނޑުހައި ހޫނުކަން ތަޙައްމަލު ކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. 

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ އުފައްދާފައިވަނީ 1974 ވަނަ އަހަރުއެވެ. 2024 ވަނަ އަހަރަކީ މި ކޮމިޓީއަށް 50 އަހަރު ފުރޭ އަހަރެވެ. މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ގައިޑްލައިންތައް އެކުލަވާލުމެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި، ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ދިމާވެފައިވާ ހުރަސްތައް އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އެއްކުރުމަށް މަސައްކަތް ކުރެވޭނެއެވެ. އަދި ދުނިޔޭގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި ދެމެހެއްޓެނިވި، އެންމެންނަށް ހިމެނޭ، އަދި ދެމިހުންނަނިވި ކާނާގެ ނިޒާމެއް އުފެއްދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރެވިގެން ދާނެއެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%