ރާއްޖެފަދަ ކުދި ޤައުމުތަކުން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިޓަލީގެ ވެރިރަށް ރޯމްގައި މިހާރު ކުރިޔަށްދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި، "ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި ވާހަކަފުޅު ދައްކަވާފައެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ޤައުމެއް ކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ހައްލެއް ނޫނެވެ. އަދި ރާއްޖެއަކީވެސް ކުރިމަގުގައި ކާނާގެ ޔަޤީންކަން ކަށަވަރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކާނާގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ބަދަލު ކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި، ރާއްޖޭގެ ދަނޑުވެރި އުފެއްދުންތެރިކަން ހަމައެކަނި ޒަމާނީ މަސައްކަތްތަކަކަށް ބަދަލުވާންވީ ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިޔުނިޓީ ގާޑެނިންފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތަޢާރަފްކޮށް އެކަންކަމަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ހަކަތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމުގައާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ޤައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަޢުލޫމާތު ބަދަލުކުރުމާއި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި ވަސީލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް އެދެވޭ ގޮތެއްގައި ޙިއްސާކޮށްދެވޭނަމަ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވަފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ ވާހަކަފުޅުގައި ބައްޓަންކުރައްވާފައިވަނީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ޤައުމީ ފެންވަރުގަޔާއި، ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްޢަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ހަދަންޖެހޭ ސިޔާސަތުތައް ހެދުމަށް މި ކޮމިޓީއިން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ހުރަސްތަކަށް އަލިއަޅުވާލައްވާ ގޮތަށެވެ.
ރާއްޖެފަދަ ކުދި ޤައުމުތަކަށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މިކަމަށް ޙައްލު ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ދިމާވާ ގޮންޖެހުންތައް ވަޒީރު ވަނީ މި ބައްދަލުވުމުގައި ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ.