ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހުއްދަނެތި އެތެރެކުރުމުން 30،000 ރުފިޔާއިން ޖޫރިމަނާއެއް

އާނާ ފަހީމް | 145 ދުވަސް ކުރިން - 09:48
ފޮޓޯ؛ މެރީން ސޭވާސް
ފޮޓޯ؛ މެރީން ސޭވާސް
ޚުލާސާ

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހުއްދަނެތި ރާއްޖެއަށް އެތެރެކުރުމުން 30،000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފި. މި އިސްލާހާއެކު، މިފަދަ ދިރޭތަކެތި އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން ހަރުކަށި ގޮތަކަށް ކޮންޓްރޯލްކުރެވޭނެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ހުއްދަނެތި ރާއްޖެއަށް އެތެރެކުރާނަމަ، އެތެރެކުރާ ކޮންމެ އެއްޗަކަށް 30،000 ރުފިޔާގެ މަގުން އެތެރެކުރާ ފަރާތް ޖޫރިމަނާކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

މި އިސްލާހަކީ "ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދު" އަށް ގެނެވުނު ބަދަލެކެވެ. މި ގަވާއިދުގެ ދަށުން، މިފަދަ ދިރޭތަކެތި ހުއްދަނެތި އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމާއި، ކަނޑުން އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައިވެއެވެ.

މިފަދަ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އުފެއްދުމެއް ހުއްދަނެތި އެތެރެކޮށްފިނަމަ، އެތެރެކުރާ ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ ތަކެތި އަމިއްލަ ބޭނުމަށް ގެންގުޅުމާއި، ވިއްކުމާއި، އާންމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުމަކީވެސް މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ތަފާތު އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ގެންނަ ޖަނަވާރާއި ދިރޭ ތަކެތި ނައްތާލުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ހިނގާ ޚަރަދު، އެތެރެކުރި ފަރާތުން ހަމަޖައްސަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އައު ގަވާއިދު ގެޒެޓްގައި ޝާއިޢުކުރުމާއެކު މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ރައްކާތެރިކޮށް، އެ ތަކެތީގެ ވިޔަފާރި ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%