ކުރިން އެއް ލައްކަ ރުފިޔާއަށް ކަނޑައެޅިފައިވާ ފާމަރ ޕްރޮފިޓް ލޯން ޕްރޮގްރާމް ފަސް ލައްކަ ރުފިޔާއަށް ފުޅާކުރަން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ރަހުނަކާއި ނުލާ ދޫކުރާ "ދަނޑުވެރި ނަފާ ލޯނު" ޕްރޮގްރާމު، 5 ލައްކަ ރުފިޔާއާ ހަމައަށް ބޮޑު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ރަމީލާ ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
ވަޒީރު ވިދާޅުވީ އިސްލާމީ ފައިނޭންސިން އުސޫލުތަކަށް ތަބާވާ ލޯނުތައް ކަށަވަރުކުރުމަށް އެސްޑީއެފްސީއާ ގުޅިގެން ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ސިނާއަތަށް އަލަށް ވަންނަ ފަރާތްތަކަށް އެހީތެރިވުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 16 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 12 ރަށެއްގައި އާ ގްރީންހައުސް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ ދިވެހި ސަރުކާރާއި އިފާޑް ގުޅިގެން ކުރިއަށްގެންދާ، އެގްރި ބިޒްނަސް ޕްރޮގްރާމުގެ ތެރެއިން 12 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ޤާއިމްކޮށްފައިވާއިރު، އިތުރު 5 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމޫނާ ދެއްކި ގްރީން ހައުސްތަކަށް ދަނޑުވެރިން އަމިއްލައަށް އިންވެސްޓުކުރުމުގެ ފުރުސަތު ދިނުމަށް ދަނޑުވެރި މަންފާގެ ނަމުގައި ޕްރޮގްރާމެއް ވެސް ފަށާފައިވާއިރު، ވަޒީރު ވިދާޅުވީ ހިލޭ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ ހަފްތާގައި ހިލޭ އެހީ ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.