ރާއްޖެ-އިންޑިއާ ގުޅުން ބަދަހިވަމުންދާތީ ނަޝީދު އުފާފާޅުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 157 ދުވަސް ކުރިން - 23:26
ފޮޓޯ: މަޖިލިސް
ފޮޓޯ: މަޖިލިސް
ޚުލާސާ

ދިވެހި-އިންޑިއާ ގުޅުން އިތުރަށް ހަރުދަނާވަމުން އައުމާއެކު، ދެމެހެއްޓެނިވި އެކުވެރިކަމުގެ މުހިންމުކަން ފާހަގަކޮށް، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް މަރުޙަބާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއިވޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން، ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބަލައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުފާފާޅުކުރައްވައިފިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް މުޢިއްޒު މިއަދު ހަވީރު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބައެއް މީޑިއާތައްވެސް މި ދަތުރުފުޅުގައި ބައިވެރިވެފައިވެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާއާއި ރާއްޖެއަކީ އެއްގޮތް ކަންތައްތަކެއް ހުންނަ ދެ ޤައުމު ކަމަށެވެ. މިގޮތުން ނަޝީދު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިއުޒިކާއި، ފިލްމާއި، ކާބޯތަކެއްޗާއި، ސަޤާފަތާއި، ތާރީޚާއި އަދި ޖިއޮގްރަފީ ހިމެނެއެވެ.



"އަބަދުވެސް އެކުވެރިކަންމަތީގައި ދެމިތިބެންވާނެ. ކަންކަން ހަމައަކަށް އެޅެމުން ގޮސް ގުޅުން އިޔާދަވާ ދާތަން ފެނުމުން ވަރަށް އުފާވޭ. އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން، އެ ޤައުމުގެ ވެރިރަށް ނިއު ދިއްލީގައި ވަނީ ދިވެހި ޤައުމީ ދިދައާއި އިންޑިއާގެ ޤައުމީ ދިދަ ޖަހައި ޒީނަތްތެރިކޮށްފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%