ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައި ނުވާނެ: އައްބާސް

އައިޝަތު ރުވާ ރިފްޢަތު | 162 ދުވަސް ކުރިން - 20:43
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް / ފޮޓޯ: މިހާރު
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް / ފޮޓޯ: މިހާރު
ޚުލާސާ

ރައީސް ޔާމީނުގެ އަމިއްލަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ކަމުގެ އެއްވެސް ހަނދާނެއް ނެތްކަމަށާއި މަސައްކަތް އަމާޒުވެފައިވަނީ ޕާޓީގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުންކަމަށް އައްބާސް ވިދާޅުވި.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ޕާސަނަލް ލޯޔަރެއް"ގެ ގޮތުގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އައްބާސް ވިދާޅުވީ އެގޮތަށް މަސައްކަތް ކޮށްދެވިފައިވާނަމަ މައްސަލައިން ތަނާޒުލްވާނެ ކަމަށެވެ.

"އަޅުގަނޑު ހަދާންވާ ގޮތުގައި ރައީސް ޔާމީނުގެ ޕާސަނަލް ލޯޔަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކޮށްފައެއް ނުވާނެ. އަޅުގަނޑު މަސައްކަތްކޮށްފައި ހުންނާނީ ޕާޓީގެ ލޯޔަރެއްގެ ގޮތުގައި،. އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ އެކި މައްސަލަތަކުގައި ޕާޓީގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޔާމީން އާއެކީ މަސައްކަތުގައި އުޅުއްވި ކަމަށެވެ. އެހެންނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން ޔާމީންގެ އެއްވެސް މައްސަލައެއްގައި ޔާމީންއާ ގުޅޭ އެއްވެސް ނިންމުމެއްގައި ނުވަތަ އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އައްބާސް ވިދާޅުވީ ނޫސްވެރިޔާ ކުރެއްވި ސުވާލާއި ގުޅިގެން ރިކޯޑްތައް ބެލުމަށްފަހު ރައީސް ޔާމީންގެ ޕާސަނަލް ލޯޔަރެއްގެ ގޮތުގައި ކޯޓަށް ދެވިފައި ހުރިނަމަ، އެ ހާލަތުގައި ތަނާޒުލްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވަނީ އާންމުންގެ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 20 ދުވަހަށް ހުޅުވާލާފައެވެ. މި ނިންމުން ނިންމެވީ ފާއިތުވި ތިން ހަފްތާގައި ތަފާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އަދި ފޯންކޯލުތަކުންނާއި އެސްއެމްއެސް މެދުވެރިކޮށް ގިނަ ޝަކުވާތައް އާންމުން ހުށަހެޅުމާއި ގުޅިގެން ކަމަށް އައްބާސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%