ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރަން ލާޒިމްކުރާ ބިލެއް ޑްރާފްޓްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 170 ދުވަސް ކުރިން - 16:08
ފޮޓޯ: ކެޓް ރެސްކިއު
ފޮޓޯ: ކެޓް ރެސްކިއު
ޚުލާސާ

މި ބިލުގައި ގޭގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރަން ލާޒިމުކުރުމުގެ އިތުރުން، ޖަނަވާރުގެ ވެރިފަރާތް ދެނެގަތުމަށް ވެސް ކަންކަން ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަ ކުރައްވި.

ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރުން ލާޒިމުކޮށް، ޖަނަވާރު ގެންގުޅުމާއި ޖަނަވަރުގެ ސިއްހަތާ ބެހޭ ބިލެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ޑްރާފްޓް ކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އެވެ.

ވަޒީރު ރަމީލާ ވިދާޅުވި ގޮތުގައި، މި ބިލުގެ ޑްރާފްޓް މަސައްކަތް ނިންމައި، އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ މިހާރު ފޮނުވާފައެވެ. މި ބިލުގައި ގޭގައި ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރަން ލާޒިމުކުރުމުގެ އިތުރުން، ޖަނަވާރުގެ ވެރިފަރާތް ދެނެގަތުމަށް ވެސް ކަންކަން ހިމަނާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ރަމީލާ އިތުރަށް ވިދާޅުވި ގޮތުގައި، ޖަނަވާރުންނަށް ބޭނުންވާ ފަރުވާ އާއި ވެކްސިން ފަދަ ތަކެތި ހެޔޮ އަގުގައި ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދެއެވެ. އަދި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކް ގާއިމު ކުރުމާއި އެކަމަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި ބިލަކީ 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ނަމަވެސް މަޖިލީހުގެ ދައުރު ހަމަވުމާ ގުޅިގެން އަނބުރާ ފޮނުވާލެވުނު ބިލުގެ އަޕްޑޭޓެޑް ވާރޝަނެކެވެ. ކުރީގެ ބިލާއި ޚިލާފަށް، މި އައު ބިލުގައި އެނިމަލް ވެލްފެއާ ގުޅޭ ކަންކަން ވެސް ހިމަނާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބިލު ފާސްވުމުން، ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކާ ގުޅޭ ގަވާއިދުތައް ހަރުދަނާވެ، ޖަނަވާރުތަކުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން އިތުރުވާނެ ކަމަށް އުންމީދު ކުރެވޭކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%