ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތް ނިމި، މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ރަމީލާ ދެއްވި މަޢުލޫމާތުގައި، މި ޝެލްޓަރ ހަދަމުންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓުގެ ބިމެއްގައި ކަމަށް ވިދާޅުވިއެވެ. އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ ޔުޓިލިޓީ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކަމަށް ރަމީލާ ހާމަކުރެއްވިއެވެ.
"ހަމައެއާއެކުގައި އެތަނުގައި ހުންނާނެ އެނިމަލް އެކި ކަހަލަ ކަންކަން ތަހުލީލު ކުރެވޭ ލެބޯޓަރީއަކާއި ވެޓްނަރީ ކްލިނިކަކާއި އޮފީސް ބޭސްއެއް. ޕްލަސް ބުޅާތައް ގެންގުޅޭ ތަނަކާއި. އެހެންވީމައި މި ހުރިހާ ކަމަކަށް އެކުލަވާލެވިފައިވާ ޢިމާރާތް މިހާރު ވަނީ ނިމިފައި. ދެން ޔުޓިލިޓީގެ މަސައްކަތް ކުރެވެމުންދާއިރު ތަނަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން. އަދި ހާފްއޮފްދި އިކުޕްއިޕްމަންޓް ވަނީ ބަޔަކާއި ހަވާލުކޮށްފައި" ރަމީލާ ވިދާޅުވިއެވެ.
މި ޝެލްޓަރުގައި ލެބޯޓަރީއަކާއި، ވެޓްނަރީ ކްލިނިކެއް، އޮފީހެއް އަދި ބުޅާ ބެލެހެއްޓޭނެ ތަންތަން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ މުވައްޒަފުން ހޯދުމާއި ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ މަސައްކަތް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކުރިން މި ޝެލްޓަރ ހުޅުވުން. އަދި މި ތަނުގައި ހުންނަ ވެޓްނަރީ ކްލިނިކުން އެހެން ޖަނަވާރުތަކަށްވެސް ޚިދުމަތް ދެވޭނެ." ރަމީލާ ވިދާޅުވިއެވެ.
މީގެ އިތުރުން، ވެޓްނަރީ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށްވެސް ރަމީލާ ފާހަގަކުރެއްވިއެވެ. މިކަމަކީ ރާއްޖޭގައި ވެޓްނަރީ ޚިދުމަތް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ރަމީލާ ވިދާޅުވިއެވެ.
މި ޝެލްޓަރ ހުޅުވުމުން، މަގުމަތީގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ގާއިމްވެ، އެ ޖަނަވާރުތަކުގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ރަމީލާ ވިދާޅުވެފައިވެއެވެ.