ރާއްޖޭގައި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް މިހާރު ހުރި ގާނޫނުތަކަށް އިތުރު އިސްލާހުތަކެއް ހުށަހަޅަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވައުދުވެވަޑައިގެންފި އެވެ. މިކަން ހާމަކޮށްފައިވަނީ، މިއަދު ފޮރިން އިންވެސްޓްމަންޓް ޤާނޫނު ފާސްކުރުމާ ގުޅިގެން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.
އޭޖީ އުޝާމް ގަބޫލުކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ފޮރިން އިންވެސްޓްމެންޓް ގާނޫނެއް އެކުލަވާލީ 1979 ވަނަ އަހަރު ކަމަށެވެ. އަދި އެ ޒަމާނަށް ރަނގަޅަށް ތައްޔާރުކޮށްފައި އޮތް ނަމަވެސް، އިންވެސްޓްމަންޓް ލޭންޑްސްކޭޕްގެ މިހާރުގެ ބޭނުންތައް އެ ޤާނޫނުން ފުއްދައިނުދޭކަން އޭޖީ ފާހަގަ ކުރެއްވިއެވެ.
އުޝާމް ވިދާޅުވީ އެސަބަބާހެދި ކުރީގެ ސަރުކާރުތަކުން ގާނޫނު އިސްލާހު ކުރަން މަސައްކަތް ކުރި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުމުގެ މަސައްކަތް ފެށުނުކަން ފާހަގަކޮށް އުޝާމް ވިދާޅުވީބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ރާއްޖެއަކީ އިންވެސްޓަރުންނާ ރައްޓެހި ގައުމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓްމަންޓްތައް ޝައުގުވެރި ކުރުވުމަށް ގާނޫނީ އޮނިގަނޑުތައް ޒަމާނީ ކުރުމުގެ އަވަސްކަން ފާހަގަކުރައްވައި، މިއަދު ފާސްކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނަކީ މި އިސްލާހުތަކުގެ ފެށުމެއް ކަމަށް އިޝާރާތް ކުރެއްވި އެވެ.
އުޝާމް އިތުރަށް ހާމަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހިއްމު އިސްލާހުތަކެއް ގެނައުމަށް ގަސްތުކުރެއްވީ، އިންވެސްޓްމަންޓްތަކަށް "ފެހި މާހައުލެއް" ގާއިމްކުރުމުގެ މަގުސަދުގައެވެ. މި ބަދަލުތަކުގެ ސަބަބުން ގާނޫނީ އޮނިގަނޑު ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތްވެ، ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ރާއްޖެ ޝައުގުވެރިވާ މަންޒިލަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.
އޭޖީ ވިދާޅުވީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނަކީ އެގޮތުގެ މަތިން ވުޖޫދަށް ގެނުވުނު ގާނޫނެއް ކަމަށާއި، ބޭނުންވީ މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން މި ބިލު ހުށަހަޅާ ފާސްކުރަން ކަމަށާއި އަދި އުންމީދުކުރިގޮތަށް މަޖިލީހުން އެކަން ކޮށްދެއްވި ކަމަށް އުޝާމް ފާހަގަ ކުރެއްވިއެވެ.